ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތަށް ތައްޔާރުވެ، ގުރު ނަގައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މިއަދާ ހަމައަށް އައި އިރު، އެ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުން ރައްޔިތުންގެ އިތުބާރު ހޯދައި، މުޅި ރާއްޖޭގެ ކުޅިވަރު މަލަމަތި ބަދަލުކޮށްލާފައިވާ އިރު، މުބާރާތުގެ ސަބަބުން ފުޓްސަލްއަށް ވަނީ އިންގިލާބީ ބަދަލެއް އައިސްފައެވެ.

އެންމެފަހުން ދެ މުބާރާތުގައި ވެސް، ކޮންމެ މުބާރާތެއްގައި 300 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިރު، މިފަހަރުވެސް 119 ޓީމަކުން ވާދަކުރާނެއެވެ. ގާތްގަނޑަކަށް 280 އަށްވުރެ ގިނަ މެޗު މިފަހަރުވެސް ކުޅެން ތައްޔާރުވެފައިވާ އިރު، އަތޮޅުތަކުގެ ގުރު އިއްޔެ ނެގީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ އޮފީހުގައެވެ. ގުރު ހޯސްޓް ކޮށްދީފައި ވަނީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ޕްރެސެންޓަރު ހަފްސީ އަބްދުﷲއެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ. އޭގެފަހުން އަތޮޅުތަކުގެ ކުޅުން ހަތަރު ވަނަ ދުވަހުގެ ރޭ ފަށާ އިރު، އެންމެ ފުރަތަމަ ރޭވެސް ހދ، ހއ ގެ އިތުރުން ގދ އަދި ސ އަތޮޅުގެ މެޗުތައް ކުޅޭނެއެވެ.

އަހަރެއް އަހަރަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފޯރިގަދަވެ، މިދިޔަ އަހަރުގެ މުބާރާތް ވެގެން ދިޔައީ ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވެސް ގޮސްފައިވާ އަހަރަކަށެވެ. އަދި ވިއުވާޝިޕް ރެކޯޑުވެސް މުގުރާލާއި، ގޯލްޑަން ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެންމެ މަގުބޫލު ޕްލެޓްފޯމަށެވެ.

މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް

ރިލުވާން މެޗެއް ޝަރަފުވެރިކޮށްދެއްވަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ހާއްސަ އެއްކަމަކީ އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު ރަނގަޅުވަމުން ދިޔުމެވެ. މުބާރާތަށް ރަށް ރަށުން އިތުބާރުކޮށް، ފުރިހަމައަށް ތައްޔާރުވާ އެއް ސަބަބަކީވެސް އެއީ ކަމަށްވީ އިރު، މިފަހަރުގެ މުބާރާތަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރަށްވުރެވެސް އިންތިޒާމް ރަނގަޅު ކުރުމަށް މަސައްކަތްތައް ކުރަމުންދާ އިރު، ހުރިހާ ކަމަކަށްވެސް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށް އިންތިޒާމް ކުރާ ފަރާތުން، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ ވަނީ ވިދާޅުވެފައެވެ.

ރިލުވާން ވިދާޅުވީ މިހާރުވެސް ފުރިހަމައަށް ތައްޔާރުކަމަށާއި، މިފަހަރު މުބާރާތުގައި ފުޓްސަލްގެ ބައިނަލްއަގުވާމީ ގަވާއިދުގައި ތަން ދޭ އުސޫލުން ވީޑިއޯ ސަޕޯޓްގެ ބޭނުން ކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މުބާރާތުގެ ފުރިހަމަކަން އިތުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް މިފަހަރުވެސް މަހަކަށްވުރެ ގިނަ ދުވަހަށް ކުރިއަށްދާނެއެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ.