މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލުމަށާއި އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ އިބްރާހިމް ޝަފާހު މޫސާ ނަމަކަށް ކިޔާ މީހެކެވެ.

އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބަޔާންކޮށްފައިވަނީ 2022 ވަނަ އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުގެ 18:00 އެހާކަންހާއިރު ޝަފާހް އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތި ޓްރެފިކްކޮށް، މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ އިތުރުން، މަސްތުވާތަކެތި މެޑިކާ ހޮސްޕިޓަލް ކައިރިއަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންގެ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު ކަމަށެވެ.

ފުލުހުން މެޑިކާ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އެ ދުވަހުގެ 18:30 އެހާކަންހާއިރު ޝަފާހު ދަނިކޮށް ފެނިގެން އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.

ދައުވާގައިވާ ގޮތުން ފުލުހުން ޝަފާހު ބަލައި ފާސްކުރި އިރު އޭނާގެ ގަމީހުގެ ޖީބުން ފެނުނު ފިލްމު ހުސްކުރި ދެ ދަޅުން 16.4927 ގްރާމުގެ ކެނަބިސް ފެނިފައިވެއެވެ. އަދި ޖީންސުގެ ޖބުން ފެނުނު ރަބަރު ޕެކެޓެއްގައި 4.2148 ކެނަބިސް އަދި ހަމަ އެ ޖީބުން ފެނުނު އިތުރު ރަބަރު ޕެކެޓެއްގެ ތެރެއިން ނެގި އަށް ސެލޯފިންކޮޅުގައި 4.8280 ގްރާމް ކެނަބިސް ހުރިކަމަށް ތަހުލީލު ރިޕޯޓު ދައްކާ ކަމަށެވެ. ދައުވާގައި އިތުރަށް ބަޔާންކޮށްފައިވަނީ ޝަފާހުގެ ދިރިއުޅޭގެ ބަލައި ފާސްކުރި އިރު އެ ގެއިން ވަނީ 0.0839 ގްރާމުގެ ކެނަބިސް ފެނިފައި ކަމަށާއި ޝަފާހު ވެސް ކެނަބިސްއަށް ޕޮޒިޓިވެފައިވާ ކަމަށެވެ.

ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން ޝަފާހު ވަނީ ކެނަބަސް ބޭނުން ކުރާ ކަމަށް އިއުތިރާފުވެފައި ކަމަށް ދައުވާގައި ބަޔާންކޮށްފައިވެއެވެެ.

ތަހުގީގުގައި ޝަފާހު ބުނެފައިވަނީ އޭނާއަކީ ފްރީލާންސް ޑައިވަރެއް ކަމަށެެވެ. އެ ދުވަހު ޑައިވްއަށް ދިޔުމަށް ބޭނުންކުރަންވެގެން މަސްތުވާތަކެތި ގަތުމަށް "ބައްޓޭ" ނަމަކަށް ކިޔާ މީހެެއް ކައިރިއަށް ދިޔަ ކަމަށެވެ. މަސްތުވާތަކެތި ހުރި ސެލޯފިން ކޮޅުތަކާއި ރަބަރު ޕެކެޓުތަކަކީ ބޭނުންކުރުމަށް ގަތް އެއްޗެއްހިތަކެއް ކަމަށެވެ.

ނަމަވެސް ފިލްމު ހުސްކުޅި ދެ ދަޅަކީ ރައްޓެއްސެއް ކަމުގައިވާ "ފޮކްސް" އަށް ހަވާލުކުރަން "ބައްޓޭ" ދިން އެއްޗެއް ކަމަށާއި އެއީ މަސްތުވާތަކެތިކަން ނޭނގޭ ކަމަށެވެ.

މި މައްސަލައިގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ މަސްތުވާތަކެތި ފެނިފައިވަނީ ޝަފާހު ލައިގެން ހުރި އަންނައުނުން ކަމަށެވެ. ގާޒީ ވިދާޅުވީ ލައިގެން ހުންނަ އަންނައުނުގައި ނުވަަތަ އަންނައުނާ ގުޅޭ ސާމާނުގައި ނުވަތަ އޭނާ އަޅައިގެން ހުރި ގަހަނާއަކުން މަސްތުވާތަކެތި ފެނިއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާ ހިނދަކު، އެ ތަކެއްޗެއް އެ ހުރީ އެ މީހެއްގެ އަތުގައި ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަލަން ޖެހޭނެ ކަމަށެވެ.

ފެނުނު މަސްތުވާތަކެއްޗަކީ ޝަފާހުގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ޝަރީއަތުން ގަބޫލުކުރަން ޖެހެނީ އެ މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތްކަން ދައްކުވަން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ވިޔަސް އަދި ދެވި ހިފާފައިވާ ނުވާ މީހެއްގެ އަތުގައި ވިއަސް 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނަބިސް ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ ޓްރެފިކް ކުރަން ކަމަށް ބަލަންވާނެ ކަމަށެވެ.

އެހެންވެ ގާޒީ ރައުޔު ކަނޑައެޅުއްވީ ޝަފާހުގެ އަތުގައި ކެނަބިސް ހުރި ކަމަށާއި އަދި ކެނަބިސް ހުރީވެސް ޓްރެފިކްކުރުމުގެ މިންގަނޑަށް ފެތޭ މިންވަރަށް ކަމަށެވެ. އަދި ދައުލަތުން ވަނީ އެކަންކަން ސާބިތުކޮށްދީފައި ކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ދެ ފުލުހުންގެ ހެކި ބަހާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުތައް ދައުވާ ސާބިތުކުރަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ޝަފާހުގެ މައްޗަށް ދައުވާ ސާބިތުވާތީ ގާޒީ ހުކުމްކުރެއްވީ އޭނާ އުމުރު ދުވަހަށް ޖަލަށްލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

ހުކުމުގެ ކުރިން ޝަފާހު ބަންދުގައި ހޭދަކޮށްްފައިވާތީ އޭނާ މި މައްސަލައިގައި ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 10 މަހާއި 15 ދުވަހެވެ.