ސްޕެނިޝް ލީގުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އަލާވޭސް ބަލިކޮށްފިއެވެ.
ރޭ ބާސާގެ ހޯމް، ސްޕޮޓިފައި ކޭމްޕް ނައުގައި ކުޅުނު މެޗުގައި ބާސާއިން ފަހަތުން އަރައި މޮޅުވީ 3-1 އިންނެވެ. އެ ނަތީޖާއާއެކު އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 14 މެޗުން 34 ޕޮއިންޓާއެކުގައެވެ. ވާދަވެރި ރެއާލް މެޑްރިޑުން މިވަގުތު ދެވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާއެކުގައެވެ.
އެޓީމުން މިހަފުތާ ކުޅޭ މެޗުގައި މިރޭ ދަންވަރު ނުކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެ، ރެއާލަށް އަނެއްކާވެސް އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުގައި ބާސާ ސަޕޯޓަރުން ސިއްސުވާލައި، އަލާވޭސް އިން ވަނީ ފުރަތަމަ މިނެޓުގައި ގޯލް ޖަހައިފައެވެ. އެ ގޯލް ޖަހައިދިނީ ޕަބްލޯ އިބަނޭޒްއެވެ.
އެ ގޯލާއެކު ބާސާ ސަޕޯޓަރުންނަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، މާ ގިނައިރެއް ނުވެ، އެޓީމަށް ހަމަޖެހުން ލިބުނެއެވެ. އެއީ އަށްވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީގެ ހުރަހަކުން ލެމީން ޔަމާލް ޖަހައިދިން ގޯލުންނެވެ.
ހާފު ނިމުމުގެ ކުރިން ޑެނީ އޮލްމޯގެ ފުރަތަމަ ގޯލުން ބާސާ މެޗުގެ ނަތީޖާ އަނބުރާލި އިރު، އޭނާގެ ދެވަނަ ގޯލް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގެ އިތުރު ވަގުތުގައެވެ.
ބާސާއިން އެންމެފަހުން ލީގުގައި ކުޅުނު 34 މެޗުގައި އެޓީމުން 91 ގޯލް ޖަހާފައިވާ އިރު، އެއީ 2019 ވަނަ އަހަރު އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން، 37 މެޗުގައި 99 ގޯލް ޖެހިފަހުން އެޓީމުގެ އެންމެ ރަނގަޅު ރެކޯޑެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ