އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ފަހުވަގުތު ލީޑްސް ބަލިކޮށްފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލީޑްސް ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގައި ސިޓީގެ އުމުރުން 25 އަހަރުގެ ފިލް ފޮޑެން ދެ ގޯލް ޖެހި އިރު، މޮޅުވި ގޯލް އޭނާ ޖަހައިދިނީ މެޗުގެ ފަހު ވަގުތުގައެވެ.
ސިޓީން ރޭ ހޯދި ތިން ޕޮއިންޓާއެކު އެޓީމުން ވަނީ ދެވަނައަށް ޖެހިލައިފައެވެ. އެއީ 13 މެޗުން 25 ޕޮއިންޓާއެކުގައެވެ. އާސެނަލް އެއްވަނައިގައި އޮތް އިރު، އެޓީމަށް މިހާތަނަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވެއެވެ. އާސެނަލުން މިހަފުތާ ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، ޗެލްސީން މިވަގުތު އޮތީ ތިންވަނައިގައެވެ. އެއީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ.
މިރޭ ޗެލްސީން އާސެނަލް ބަލިކޮށްފި ނަމަ، އެޓީމަށް ދެވަނައަށް ޖެހިލެވޭނެއެވެ. އާސެނަލުން މިރޭ ޗެލްސީ ބަލިކޮށްފިނަމަ، އެއްވަނައިގައި އިތުރަށް ލީޑު ފުޅާކުރެވޭނެއެވެ.
މެޗުގެ 25 ވަނަ ސިކުންތުގައި ފޮޑެންގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، 25 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީގެ ލީޑު ފުޅާކޮށްފައެވެ. އެ ދެ ގޯލާއެކު ސިޓީން ހަމަޖެހިލާފައި ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި މެޗުގެ މަންޒަރު ބަދަލުވެގެން ދިޔައެވެ.
ދެވަނަ ހާފު ފެށިތަނުން ޑޮމިނިކް ކަލްވާޓް-ލެވިންގެ ގޯލުން ލީޑްސް އުންމީދު ހޯދި އިރު، 68 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. އެ ޕެނަލްޓީގައި ލޫކާ އެންމެޗާ ފޮނުވާލި ފުރަތަމަ ބޯޅަ، ސިޓީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ މަތަކުރި ނަމަވެސް، ދެވަނަ ފަހަރަށް އޭނާ ކާމިޔާބުކުރިއެވެ.
އެ ގޯލާއެކު މެޗު އެއްވަރުވާން ދަނިކޮށް، އެންމެ ފަހު ވަގުތު ގޯލް ޖެހީ ފޮޑެންއެވެ.
ފޮޑެންގެ އެ ދެގޯލާއެކު ސިޓީން އާލިން ހާލަންޑަށް ބަރޯސާވުން ކުޑަކުރާ މަންޒަރު ފެނުނު ކަމަށް ތަޖުރިބާކާރުން ބުނެފައިވާ އިރު، ހާލަންޑް 100 ވަނަ ގޯލަށް ކުރަމުންދާ އިންތިޒާރު ވަނި ދިގުލައިގެން ގޮސްފައެވެ.
ރޭ ލީގުގައި ޓޮޓެންހަމްއިން ކުޅުނު މެޗުގައި ފުލަމް ކައިރިން ބަލިވި އިރު، އެމެޗު ނިމުނީ 2-1 އިންނެވެ. އޭގެ އިތުރުން ނިއުކާސަލްއިން 4-1 އިން އެވަޓަން ބަލިކޮށްފައިވާ އިރު، ސަންޑަލޭންޑުން ވަނީ ބޯންމައުުތު ކައިރިން 3-2 އިން މޮޅުވެފައެވެ. ބާންލީ ބްރެންޓްފޯޑް ކައިރިން ބަލިވީ 3-1 އިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު