ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރުން ވެލެންސިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި މޮޅާއެކު ބުރަށް ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

ބުރު މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކުގައެވެ. ބުރަށް ހަތަރު ވަނައަށް ޖެހިލަން ފުރުސަތު ލިބުނީ މި ހަފުތާ ކްލަބު އީގަލްސްއިން ކުޅުނު މެޗުގައި ރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ އެއްވަރުވުމުންނެވެ.

މިވަގުތު އީގަލްސް ފަސްވަނައިގައި އޮތީ ނުވަ މެޗުން 13 ޕޮއިންޓާއެކުގައެވެ. ވެލެންސިއާއިން މިވަގުތު ތާވަލުގެ ހަތްވަނައިގައި އޮތް އިރު، ނުވަ މެޗުން އެޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި އަހުމަދު އަތުވާން އަލީ ޖެހި ގޯލުން ވެލެންސިއާ ލީޑު ނެގި ނަމަވެސް، މުހައްމަދު ނާއިމްގެ ގޯލުން ބުރުން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖެހީ 44 ވަނަ މިނެޓުގައެވެ.

ނާއިމް، ދެވަނަ ހާފުގައި އިތުރު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލް ޖަހައިދިނީ އަލީ ހަމްދާނެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާދަމާ ހަވީރު، ކްލަބް ގްރީން ސްޓްރީޓްސް އިން ކުޅޭނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.