އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އިންތިހާބުކުރަން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުން ހޫނުވެ، ބައްދަލުވުން ހުއްޓާލައިފިއެވެ.
އެމްޑީޕީން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް ވަނީ އިސްތިއުފާދެއްވައިފައެވެ. އެމްޑީޕީގެ ލީޑާޝިޕުން މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވަނީ ވަގުތީ ޗެއާޕާސަން އިންތިހާބު ކުރުމުގެ ކަންކަން ގައުމީ މަޖިލީހަށް ދޫކޮށްލުމަށް ނިންމައިފައެވެ.
ވަގުތީ ޗެއާޕާސަން އިންތިހާބުކުރުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވަގުތީ ޗެއާޕާސަންގެ މަގާމުން ވެސް ފެނިގެންދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަމެކެވެ. ރައީސް ނަޝީދުގެ ފަޅިން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. އަދި ރައީސް ސޯލިހުގެ ފަޅިން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމެވެ.
ގައުމީ މަޖިލީހުގެ 47 މެންބަރަކު ވަނީ އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ވޯޓު ދެއްވައިފައެވެ. ނަމަވެސް އަސްލަމް ނަމަށް ވޯޓަށް އަހަން ހުށަހަޅަން އުޅުމުން އެކަމަށް އިދިކޮޅު ފެކްޝަނުން ވަނީ ހުރަސް އަޅައިފައެވެ. އެ ފެކްޝަނުން ވަނީ އަސްލަމަކީ ގައުމީ މަޖިލީހުގެ މެންބަރަކަށް ނުވުމާއި، ވޯޓު ގުނުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކޮށްފައެވެ. އެއާއެކު އެމްޑީޕީގެ ގައުމީ މަޖިލިސް ތެރޭގައި ޒުވާބަށް ވަނީ ގޮސްފައެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށް 95 މެންބަރަކު ހާޒިރުވިއެވެ. ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރެވޭނީ ވާދަކުރާ ފަރާތަށް 48 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލި ފަހުންވެސް ދެ ފެކްޝަނުގެ މެދުގައި ޒުވާބުތަކެއް ހިނގިއެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ