ރާއްޖޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން އިކޮނޮމިކް މިނިސްޓްރީން މިއަދު އެދިއްޖެއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރިކުރަމުން ގެންދާކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށް އަބަދުވެސް ލިބެމުންދާ ކަމަށެވެ. އެގޮތުން ދެ ގޮތަކަށް ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އެ ދެގޮތަކީ:
- ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
- ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް
އެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުން ކުރަމުންގެންދާ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފޮރިން އިންވެސްޓްމަންޓުގެ ގާނުނުގެ ދަށުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް، މިދިޔަ އޮކްޓޫބަރު 8 ގައި އެ މިނިސްޓްރީން އާންމުކޮށްފައިވާ ކަމަށެވެ. އެ ގާނޫނުގެ ދަށުން 34 ދާއިރާއެއް ވަނީ ކަނޑައަޅައިފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ރިޕޯޓުކުރަން އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން އަދި އިމުގަ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅޭނެއެވެ.
އެގޮތުން ލިބޭ މައުލޫމާތު, އެ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ، ފުލުހުންނާއި އިމިގްރޭޝަންގެ އިތުރުން، ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް ގާއިމުކޮށްފައިވާ "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް