މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގަވާއިދާ ހިލާފުވާ އުޅަނދުތައް ދެނެގަނެ، އެ ފަރާތްތަކަށް މެސެޖު ފޮނުވުމުގެ އާ ނިޒާމެއް ތަންފީޒުކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ހާއްސަ އެޕްލިކޭޝަންތައް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އެގޮތުން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އުޅަނދުތައް މޮނިޓަކޮށް، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ފަށާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އާ ނިޒާމުގެ ދަށުން، ގަވާއިދާ ހިލާފުވާ އުޅަނދުތަކުގެ ވެރިފަރާތަށް ނުވަތަ އެކަން ރައްދުވާ ފަރާތަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ވަގުތުން މައުލޫމާތު ފޮނުވައިދޭނޭކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، އެ މައުލޫމާތުތައް ރަނގަޅަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކޮންމެ މީހަކުވެސް މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ސިމްސް ޕޯޓަލް މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ފުރަތަމަ މަރުހަލާގައި އެ އުސޫލުން އަމަލުކުރަން ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގެ ކާރޫބާރު ބޮޑު ސަރަހައްދުތަކާއި މައި މަގުތަކުގައިކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހޮސްޕިޓަލްތަކާއި ސްކޫލްތައް ހުންނަ ސަރަހައްދުތައް
  • ކަފިހިހުރަސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕާކިން ސްލޮޓްތައް
  • މާލޭގެ މަޖީދީ މަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު،
  • ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގު
  • ހުޅުމާލެ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގު

މާލެ ސަރަހައްދުގައި ޕާކިންގެ މައްސަލަ ބޮޑުވެ، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދަތުރުފަތުރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ނުރައްކާތެރި އެކްސިޑެންޓުތައްވެސް ދަނީ ހިނގަމުންނެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ އެދިފައެވެ.

މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދޭ އެއްބާރުލުން ފާހަގަކޮށް، މިނިސްޓްރީންވަނީ ޝުކުރު އަދާކޮށްފައެވެ.