ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ބަޔާން މިއުނިކް ބަލިކުރި އިރު، ލިވަޕޫލުން އަމިއްލަ ދަނޑުގައި ޕީއެސްވީ ކައިރިން ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

ރޭ އާސެނަލާ ދެކޮޅަށް ނުކުތް އިރު، ބަޔާނުން މިހާތަނަށް ސީޒަނުގައި ބަލިވެފައެއް ނުވެއެވެ. އެ ރެކޯޑަށް ނިމުން ގެނެސް، އާސެނަލުން އަމިއްލަ ދަނޑުގައި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

އާސެނަލުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ފަސް މެޗުން 15 ޕޮއިންޓާއެކުގައެވެ. ބަޔާނުން ރޭ ބަލިވި އިރު، އެޓީމުން ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިފައެވެ.

ފުރަތަމަ ހާފު ދާދި ހަމަހަމަކޮށް ގޮސްފައިވާ އިރު، ފުރަތަމަ ލީޑު ނެގީ އާސެނަލުންނެވެ. ޖޫރިއެން ޓިމްބާގެ ގޯލުން އާސެނަލް ލީޑު ނެގި އިރު، އުމުރުން 17 އަހަރުގެ ލެނާޓް ކާލް ވަނީ ބަޔާނަށް އެއްވަރު ކޮށްދީފައެވެ.

ފުރަތަމަ ހާފުގައި އެބެރެޗީ އެޒޭގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، ބުކަޔޯ ސަކާގެ ހަމަލާ ދަނޑިމަތިން ބޭރުކޮށްލީ ބަޔާންގެ ކީޕަރު ބުކަޔޯ ސަކާއެވެ.

މެޗުން އާސެނަލް މޮޅުކޮށްދޭން އެންމެ ބޮޑު ތަފާތެއް ދެއްކީ ބަދަލަކަށް ނުކުތް، ނޮނީ މަޑުއޭކޭއާއި ގެބްރިއަލް މާޓިނެލީއެވެ. މަޑުއޭކޭ ފުރަތަމަ ހާފުގައި ބަދަލަކަށް ނުކުތް އިރު، އޭނާ ވަނީ 69 ވަނަ މިނެޓުގައި އާސެނަލަށް އަލުން ލީޑު ނަގައިދީފައެވެ.

އަރިމަތިން ރިކާޑޯ ކަލަފިއޯރީ ނަގައިން ބޯޅަ، އޭނާ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ހުސްކޮށް ފޮނުވާލައިގެންނެވެ. މާޓިނެލީ އާސެނަލަށް މޮޅު ޔަގީންކޮށްދިން ގޯލް ޖެހީ 77 ވަނަ މިނެޓުގައެވެ.

އާސެނަލް މޮޅުވި އިރު، ލީގުގައިވެސް އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލުން އަމިއްލަ ދަނޑުގައި ރޭ ބަލިވީ 4-1 އިންނެވެ. ލިވަޕޫލުން އެންމެފަހުން ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން ބަލިވެފައިވާ އިރު، އެޓީމަށް މިއީ އުނދަގޫ ހާލަތެކެވެ.

ރޭގެ ބައްޔާއެކު ލިވަޕޫލް އޮތީ ލީގު ބުރުގެ 13 ވަނައިގައެވެ. އެއީ ފަސް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ގަދަ އަށަކަށް ޖެހިލަން ލިވަޕޫލަށް ހާލަތު ބަދަލުކުރަން ޖެހެއެވެ.

މެޗުގެ ކުރީކޮޅުގައި އިވާން ޕެރިސިޗް، ޕެނަލްޓީއެއްގައި ޕީއެސްވީއަށް ލީޑު ނަގައިދިން އިރު، އޭގެ 10 މިނެޓްފަހުން ޑޮމިނިކް ޒޮބޮސްލާއީ މެޗު އެއްވަރުކުރިއެވެ.

އެހެން ނަމަވެސް، ދެވަނަ ހާފު ފެނުނީ މުޅިން ތަފާތުކޮށެވެ. ދެވަނަ ހާފު އެއްކޮށް ޕީއެސްވީން ޑޮމިނޭޓް ކުރި އިރު، ގޯލްތައް ޖެހީ ގޫސް ޓިލް، ކޯހައިބް ޑްރިއޫޗެވެ. ޑްރިއޫޗް ވަނީ މެޗުގައި ދެ ގޯލް ޖަހައިފައެވެ.