ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ޗެލްސީން ބާސެލޯނާ ބަލިކުރި އިރު، މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަން ކައިރިން ބަލިވެއްޖެއެވެ.

ބާސާއާއި ޗެލްސީގެ ޗެމްޕިއަންސް ލީގު ކުރިމަތިލުންތައް އަބަދުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ރޭގެ މެޗަށްވެސް އޮތީ މީޑިއާގެ ސަމާލުކަން ބޮޑުވެފައެވެ. ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ދެޓީމުގެ ކުރިމަތިލުމުގައި ޗެލްސީން ޑޮމިނޭޓް ކޮށްފައިވާ އިރު، އެޓީމުން އަމިއްލަ ދަނޑުގައި މޮޅުވީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ޗެލްސީން ވަނީ އޮޓޮމެޓިކް ކޮލިފިކޭޝަން ސްލޮޓެއްގައި އަނެއް ބުރަށް ދިޔުމާ ގާތަށް ޖެހިލައިފައެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކު، ފަސްވަނައިގައި އޮވެގެންނެވެ. ބާސާއަށް ފަސް މެޗުން ހަތް ޕޮއިންޓް ލިބުނު އިރު، އެޓީމު އޮތީ 15 ވަނައިގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް ޑޮމިނޭޓް ކުރީ ޗެލްސީންނެވެ. އަރިމަތިން ކުޅެމުން ދިޔަ ބްރެޒިލްގެ ތަރި އެސްޓެވާއޯ ވިލިއަމްއާއި އެންޒޯ ފެނާންޑޭޒްގެ ހަމަލާތައް މެޗުގެ ކުރީކޮޅުގައި ފެނިގެން ދިޔަ އިރު، ޗެލްސީގެ ހަމަލާތައް ދިޔައީ އިތުރުވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން 27 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ކޯނަރެއްގައި މާކް ކުކުރޭޔާ އަރިމައްޗަށް ޖެހިލާފައި ނަގައިދިން ބޯޅަ ގޯލަށް ވަނީ ބާސާގެ ޖޫލްސް ކޫންޑޭ އަތުން ބަިއިކޮޅަށެވެ.

އޭގެފަހުން ރީސް ޖޭމްސްގެ ބާރު ހަމަލާއެއް ބޭރަށް ދިޔަ އިރު، އަނެއްކޮޅުން ލެމީން ޔަމާލަށް ލިބުނު ފުރުސަތެއްގައި އޭނާއަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. މުޅި މެޗުގައިވެސް ޗެލްސީގެ ކުކުރޭޔާ ވަނީ ޔަމާލް ކައިރިން މޮޅަށް ކުޅެފައެވެ.

ދެވަނަ ހާފަށް ނުކުމެ އެސްޓެވާއޯގެ ޖާދުލާއެކު ދެވަނަ ގޯލެއް ޗެލްސީން ޖެހި އިރު، ބާސާއިން ފުރަތަމަ ހާފު ނިންމާލި ރަތް ކާޑަކާއެކުގައެވެ. އެއީ ރޮނާލްޑް އަރައޫހޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑެކެވެ.

ދެވަނަ ހާފުވެސް ޗެލްސީން ފުރިހަމައަށް ޑޮމިނޭޓް ކުރި އިރު، މެޗު ނިންމާލީ ލިއަމް ޑެލަޕްގެ ގޯލަކާވެސް އެކުގައެވެ.

ސިޓީން ރޭ ހޯމްގައި 2-0 އިން ލެވަކޫސަން ކައިރިން ބަލިވި އިރު، އެއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ނޫނީ ލީގު ބުރުގައިވެސް އެޓީމުން ދަމަހައްޓަމުން އައި ހޯމް ރެކޯޑަށް އައި ނިމުމެކެވެ.

ރޭގެ މެޗުގެ ކުރިން ސިޓީން އެންމެފަހުން ކުޅުނު 23 ހޯމް މެޗުންވެސް ބަލިވެފައެއް ނުވެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ރެކޯޑެކެވެ.

އެލެހާންޑްރޯ ގްރިމާލްޑޯއާއި ޕެޓްރިކް ޝިކް މެޗުގައި ގޯލްތައް ޖެހި އިރު، ލެވަކޫސަން މިވަގުތު އޮތީ 13 ވަނައިގައެވެ. އެއީ ފަސް މެޗުން އަށް ޕޮއިންޓާއެކުގައެވެ. ސިޓީން ރޭ ކުޅުނު މެޗުން ބަލިވި ނަމަވެސް އެޓީމު އަދި އޮތީ ހަވަނައިގައެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު، ޑޯޓްމުންޑުން ވަނީ ވިޔަރެއާލް 4-0 އިން ބަލިކޮށްފައެވެ. މާސޭއިން ވަނީ ނިއުކާސަލް ކައިރިން 2-1 އިން މޮޅުވެފައެވެ. އަދި ނަޕޯލީން ގަރަބާގް އެފްކޭ ކައިރިން މޮޅުވީ 2-0 އިންނެވެ.