ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލު، އިތުރަށް ދިރާސާކުރުމަށް ފޮނުވި ވަގުތީ ކޮމީޓީން ބިލު ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމުން ބިލު ފޮނުވަން ޖެހޭނީ ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން ހިމެނޭ ކޮމިޓީއަކަށް ކަމަށް ވިދާޅުވެ، ބިލު ވަގުތީ ކޮމިޓީއަކަށް ފޮނުއްވީ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ގާނޫނުގެ 41 ވަނަ މާއްދާގައި މިހާރު އޮންނަގޮތުން، 10,000 މީހުންނާއި 30,000 މީހުންނާ ދެމެދުގެ އާބާދީއެއް ހިމެނޭ ސިޓީ ކައުންސިލްގައި މޭޔަރާއި، ގާނޫނުގެ ދަށުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހަތް ގޮނޑީ ހިމެނޭނެއެވެ. އަދި 30,000 މީހުންނާއި 60,000 މީހުންނާ ދެމެދުގެ އާބާދީ ހިމެނޭ ކައުންސިލްގައި މޭޔަރާއި، އިންތިހާބު ކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން ހިމެނޭނީ 13 ގޮނޑިއެވެ. އަދި 60,000 މީހުންނަށްވުރެ އިތުރު އަދަދެއްނަމަ، ކައުންސިލްގެ މޭޔަރާއި ގާނޫނުން އިންތިހާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭ ގޮތުން 19 ގޮނޑިއެވެ.
މި މާއްދާއަށް ހުށަހެޅި އިސްލާހު:
- 10،000 މީހުންނާ 25،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ މޭޔަރާއި އިންތިހާބުކުރަން ލާޒިމުކުރާ އަންހެން މެންބަރުން ހިމެނޭގޮތުން ހަތް ގޮނޑި.
- 25،000 މީހުންނާއި 50،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ 11 ގޮނޑި.
- 50،000 އަށްވުރެ އިތުރު އަދަދެއްނަމަ 15 ގޮނޑި.
ނަމަވެސް މާލެ ސިޓީ އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން މި ގާނޫނުގެ ދަށުން އިންތިހާބުކުރަން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާ ރައްޔިތުންގެ މަޖިިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންތިހާބު ކުރާ މެންބަރުންގެ މައްޗަށް ކަމަށް ކަނޑައަޅަން ބިލްގައި ވަނީ ހިމަނައިފައެވެ. އަދި ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް އަށް އަވަށުގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބު ކުރާނީ، މޭޔަރުގެ އިތުރުން ގާނޫނުން ލާޒިމުކޮށްފައިވާ އަންހެން މެންބަރުން ހިމެނޭގޮތުން ކޮންމެ އަވަށަކުން އެއް ގޮނޑީގެ ނިސްބަތުން އިންތިހާބުކުރާ މެންބަރުންގެ މައްޗަށްކަމަށް ކަނޑައަޅަންވެސް ހިމަނާފައިވެއެވެ.
ގާނޫނުގެ 24 ވަނަ މާއްދާގައި ރަށު ކައުންސިލްތައް މިހާރު ކަނޑައަޅާފައި އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.
ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ، އެ ކައުންސިލްގެ ރައީސް އާއި ގާނޫނުގައި ބުނަ އަންހެން މެންބަރު ހިމެނޭގޮތުން ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ކައުންސިލް ރައީސް އާއި ގާނޫނުގައި ބުނާ އަންހެން މެންބަރުން ހިމެނޭގޮތުން ފަސް މެންބަރުންކަމަށް ކަނޑައެޅުމަށެވެ.
މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ޑަބްލިޔުޑީސީތައް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮންނަނީ، ރަށެއްގައިނަމަ ފަސް މެންބަރުން ސިޓީއެއްގައިނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށެވެ.
އެގޮތް އިސްލާހުކޮށް ރަށެއްގައިނަމަ ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.
އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބު ރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބު ރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާތީ، ލާމަރުކަޒީ ގާނޫނުގައި ހިމެނޭ އަތޮޅު ކައުންސިލްތަކުގެ ބާބު ގާނޫނުން އުނިކުރަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
މި ބިލު ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަވުމުގައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް