ކުޑަކުދީންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން އެ ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނީ ޖަރާސީމު ފެނިފައިވަނީ ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާއިން ކަމަށެވެ.

އެ ފޯމިއުލާއިން ފެނިފައިވަނީ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ކަމަށާއި އެ ފޯމިއުލާވަނީ ބޮޓުލިނަމް ޖަރާސީމުން ތަގައްޔަރުވެފައި ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.

އެ ފޯމިއުލާއަކީ އެމެރިކާއިން އުފައްދާ ފޯމިއުލާއެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެއިން ޖަރާސީމު ފެނުމުގެ ސަބަބުން އެމެރިކާގެ އެފްޑީއޭއިން ވަނީ އެ ފޯމިއުލާ ބާޒަރުން ނެގުމަށް އަންގައި ވިއްކުން މަނާކޮށް، އެ ނައްތައިލުމަށް އަންގާފައިކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެކަމުގެ މައުލޫމާތު ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށްވެސް ލިބިފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާގެ ހުރިހާ ބެޗެއް ވެސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.