އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ކައިރިން ބަލިވެއްޖެއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ނިއުކާސަލް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ޖެހިޖެހިގެން ދެމެޗުން މޮޅުވެ، ސިޓީން މިރޭގެ މެޗަށް ނުކުތީ އެއްވަނައިގައި އޮތް އާސެނަލާ ފަރަގު ކުޑަކުރުމަށެވެ.
ތިން ޕޮއިންޓާއެކު އާސެނަލާ ޕޮއިންޓެއް ގާތަށް ޖެހިލެވެން ސިޓީއަށް އޮތް ނަމަވެސް، އެ ފުރުސަތު ގެއްލި، އެޓީމު މިވަގުތު އޮތީ ތިންވަނައިގައެވެ. އެއީ 12 މެޗުން 22 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ޗެލްސީން 12 މެޗުން 23 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި އޮތް އާސެނަލަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވެއެވެ.
އާސެނަލުން މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އެއްވަނައިގައި ލީޑު ފުޅާކުރުމަށް ބޮޑު ފުރުސަތެއް އެބައޮތެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، މެޗު ވެގެން ދިޔައީ ޝައުގުވެރި މެޗަކަށެވެ. އާލިން ހާލަންޑް 100 ވަނަ ޕްރިމިއާ ލީގު ގޯލަށް މަސައްކަތް ކުރަމުން ދިޔަ އިރު، އޭނާ ހުސްކޮށް އޮވެ ފޮނުވާލި ހަމަލާ މަތަކުރީ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕެވެ.
އޭގެ އިތުރުން ހާލަންޑް އޭރިއާ ތެރެއަށް ވަދެ ޗިޕް ކޮށްލި ބޯޅައެއް ބޭރަށްވެސް ގޮސްފައިވާ އިރު، ފިލް ފޮޑެންއަށް ލިބުުނު ފުރުސަތުގެ ބޭނުން ނުކުރެވުނެވެ.
ދެވަނަ ހާފު ފެށިގެން 63 ވަނަ މިނެޓުގައި ހާވީ ބާންސް ނިއުކާސަލްއަށް ލީޑު ނަގައިދިން އިރު، އޭގެ އިރުކޮޅެއްފަހުން ރުބެން ޑިއާޒް މެޗު އެއްވަރުކުރިއެވެ.
އެހެން ނަމަވެސް ނިއުކާސަލްއިން ވަނީ މެޗުން މޮޅުވާން ލިބުނު ފުރުސަތު ބޭނުން ހިފައިފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ "ޑްރާމާ ބޮޑު" ގޯލެއް ޖަހައިފައެވެ.
އޭރިއާ ތެރެއަށް ޖޭކޮބް މާފީ ނަގައިދިން ބޯޅަ، ބްރޫނޯ ގިމަރޭޝް ބޮލުން ފޮނުވާލުމުން ދަނޑީގައި ޖެހިފައި ނުކުތް އިރު، ރީބައުންސްގައި ބޯޅަ ގޯލަށް ވައްދާލީ ބާންސްއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކުރި އިރު އޮފްސައިޑްގައި ކުޅުންތެރިޔަކު އޮތްތޯ ބެލުމަށް ވީއޭއާރް ވަނީ ގިނަ އިރުތަނެއް ވަންދެން ޗެކް ކޮށްފައެވެ.
ރެފްރީ ގޯލް ދެއްކުމާއެކު ސިޓީން ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް، ނަތީޖާއަށް ބަދަލެއް ނާދެއެވެ.
ފަހު މިނެޓު ކޮޅުގައި ސިޓީން ގޯލެއް ޖެހޭތޯ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވީ ނިއުކާސަލްއިން އޭރިއާ ތެރޭގައި ވަރުގަދަައަށް ޑިފެންސް ކުރުމުންނެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު