ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކް ބިލްބާއޯ ކައިރިން ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ.

ރޭ ބާސާއިން ކޭމްޕް ނައުއަށް ނުކުތީ 909 ދުވަސް ފަހުންނެވެ. ބާސާއިން މީގެ ދެ އަހަރާ ބައެއްހާ ދުވަސް ކުރިން އަމިއްލަ ސްޓޭޑިއަމް ދޫކޮށް، އޮލިމްޕިކް ސްޓޭޑިއަމްގައި މެޗުތައް ކުޅެން ފެށީ ހޯމް ގްރައުންޑް މަރާމާތު ކުރުމަށެވެ.

ބާސާއިން ކޭމްޕް ނައުއަށް ގެންނަ ބަދަލާއެކު އެ ސްޓޭޑިއަމްގެ ކެޕޭސިޓީ 105،000 އަށް އިތުރުކުރުމަށް ޓާގެޓް ކުރި ނަމަވެސް، އަލުން ސްޓޭޑިއަމް ބޭނުންކުރަން ފަށާފައި ވަނީ އެއްކޮށް މަރާމާތު ނުނިންމައެވެ. އަދި ބޭނުން ކުރެވެނީ 45،401 ސީޓެވެ.

ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ ދަނޑަށް ނުކުމެ، ބާސާއިން ރޭ އެތުލެޓިކް ކްލަބު ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗު ނިމުމާއެކު ހަވާގެ ކުޅިވަރުވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ހަތަރުވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ބާސާއަށް ލީޑު ނަގައިދީފައިވާ އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްވީ އެތުލެޓިކް ކްލަބުގެ ފަހަތުން އެލެކްސް ބެރެންގޭ އަށް ހެދުނު ގޯހަކުންނެވެ.

ބާސާއިން މުޅި މެޗުވެސް ރަނގަޅަށް ކޮންޓްރޯލް ކޮށް ކުޅެފައިވާ އިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ދެވަނަ ގޯލެއްވެސް ޖަހައިފައެވެ. އެ ގޯލް ޖަހައިދިނީ ފެރާން ޓޮރެސްއެވެ. އެއީ ލެމީން ޔަމާލްގެ ބޯޅައަކުން ޖަހައިދިން ގޯލެކެވެ.

ދެވަނަ ހާފު ކުރީކޮޅުގައި އަނެއްކާވެސް އެތުލެޓިކްގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައިގެން ބާސާއިން އިތުރު ގޯލެއް ޖެހިއެވެ. އެ ގޯލް ޖެހީ ފާމިން ލޮޕޭޒެވެ.

ދެވަނަ ހާފުގައި އެތުލެޓިކް ކްލަބުގެ އޮއިހާން ސަންސެޓަށް ރަތް ކާޑު ދައްކާފައިވާ އިރު، ބާސާގެ ފަހު ގޯލް ޖަހައިދިނީވެސް ޓޮރެސްއެވެ. އެގޯލަށްވެސް ފުރުސަތު ތަނަވަސްކޮދިނީ ޔަމާލެވެ.