ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި އޮޑިން ނިއު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އޮޑިއާއާއި ނިއުއިން މިރޭ ކުރިމަތިލި މެޗަކީ ލީގު ތާވަލަށް މުހިއްމު މެޗެކެވެ.

މިރޭގެ ނަތީޖާއާއެކު ދެވަނައިގައި ހަމަޖެހިލަން ދެޓީމަށްވެސް ފުރުސަތު އޮތް އިރު، އޮޑިން ދެވަނައިގައި އޮތީ އަށް މެޗުން 19 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަށް މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ނިއު މިވަގުތު ތިންވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓާއެކުގައެވެ.

ނިއުއިން މިރޭގެ މެޗަށް ނުކުތީ އަލަށް ސޮއިކުރި ކީޕަރު ސްރީ ލަންކާގެ ކީޕަރު، ކަވީޝް ލަކްޕްރިއާ ފެނާންޑޯއާއެކުގައެވެ. އެޓީމަށް އާ ކީޕަރެއް ގެނެސްފައި ވަނީ އެޓީމަށް ކުޅެމުންދިޔަ ސާގިބް ހަނީފަށް އަނިޔާވުމާ ގުޅިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ދެޓީމުންވެސް ފެނިގެން ދިޔައީ އެޓޭކިން ގޭމެކެވެ. ފުރަތަމަ ހާފުގައި މަދުވީ ގޯލެކެވެ.

ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފު ފެށިގެން 66 ވަނަ މިނެޓުގައި އޮޑިން ލީޑު ނެގިއެވެ. އިއްބެގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ މެޗުގައި މޮޅަށް ކުޅުނު އަހުޒަމް ރަޝީދު (އަހު)އެވެ. އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

އޭގެފަހުން ނިއުއިންވެސް ކޮންމެވެސް ވަރަކަށް ގޯލަކާ ގާތަށް ޖެހިލި އިރު، މުހައްމަދު ޝަފީއު (ޗެކް) ރަނގަޅު ސޭވްތަކެއް ކުރިއެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ އިތުރުން އިތުރު ދެ ހަމަލާއެއްވެސް މަތަކުރީ ޗެކެވެ.

ލީގުގައި މާދަމާ ހަވީރު ކްލަބް އީގަލްސް އިން ކުޅޭނީ ކްލަބް ވެލެންސިއާއާ ދެކޮޅަށެވެ. މާދަމާ ރޭ އޮންނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.