ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސްޕޯޓްސް ކްލަބުން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ވިކްޓްރީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މާޒިޔާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުންވެސް މޮޅުވެ، އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފައެވެ.
މާޒިޔާއަށް އަށް މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ހަތް މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާ އިރު، މިއަދު މެޗުން ބަލިވި ވިކްޓްރީ އޮތީ ފަސްވަނައިގައެވެ. އެއީ ހަތް މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމުން ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ބްރޭކަށް ފަހު ލީގުގެ ކުޅުން އަލުން ފެށީ މިއަދުއެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ލީޑު ނެގިއެވެ. އެޓީމަށް ގޯލް ޖަހައިދިނީ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ސާޖިއޯ މެންޑީއެވެ. މިއަދުގެ ގޯލަކީ މެންޑީ ލީގުގައި ޖެހި ނުވަ ވަނަ ގޯލެވެ.
އޭގެ އިތުރުން ފުރަތަމަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު)އަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު، އަނެއްކޮޅުން ވިކްޓްރީވެސް ގޯލަކަށް މަސައްކަތް ކުރިއެވެ. އެޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ވާދަވެރި ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، މާޒިޔާއިން ހަމަޖެހުމެއް ހޯދީ 84 ވަނަ މިނެޓުގައި އަހުމަދު އައިހަމް (ފަތޯ) ޖަހައިދިން ގޯލުންނެވެ.
ފަތޯއަށް އިންޓަނޭޝަނަލް ބްރޭކްގައި ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އިރު، އޭނާ މިއަދުގެ މެޗަށް ނުކުމެ، މޮޅަށް ކުޅެފައިވެއެވެ. ފަތޯ މިފަހަރު ގައުމީ ޓީމުން ބާކީ ކޮށްފައި ވަނީ ރަށަށް ފުޓްސަލް މުބާރާތެއް ކުޅެން ދިޔުމުންނެވެ.
ފަތޯގެ އެ ގޯލުން މާޒިޔާ ހަމަޖެހިލި އިރު، އެޓީމުގެ ތިންވަނަ ގޯލް، މެޗު ނިމެން ދަނިކޮށް ޖަހައިދިނީ ހައިޝަމް ހަސަންއެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު