ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏެއް ކަމަށްވާ އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކުރި، ނ. މިނާވަރުގެ އެއްބަސްވުން ބާތިލުކޮށް އެ ރަށްް ސަރުކާރަށް ނެގުމަށް އެންގި ސިޓީއަށް އަމަލު ނުކުރުމަށް މިފަހަރު ސިވިލްކޯޓުން ވަގުތީ އަމުރެއް ނުނެރެދިނެވެ.
މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއި އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި މިނާވަރު މޮނިޓާ ކުރުމަށް މިނިސްޓްރީން ކުރި ދަތުރުގައި ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތަށް އެ ރަށުގައި ސިޔާމްގެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާކަން އެ ދަތުރުގައި ހެދި، ދަތުރު ރިޕޯޓުގައި ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށްގެންދަން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފި ނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ. މި ނޯޓިހާ ގުޅިގެން އިމްޕެކްސްއިން ހަމަ އެ ދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.
މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައި ނުވާ ކަމަށް މި ސިޓީގައި ފާހަގަކުރިއެވެ. އަދި އޭރު ހިނގަމުންދަނީ ރަމަލާން މަހުގެ ދުވަސްތައް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދެވޭނޭ ކަންކަމަށް ވުމުން، މިނިސްޓްރީން ފޮނުވި ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަމަޖައްސައިދިނުމަށް އެދުނެވެ.
އެކަމާ ގުޅިގެން މިނިސްޓްރީން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް، މިނާވަރުގެ ވޯކް ޕްލޭނާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށްބުނެ މިދިޔަ މެއި މަހުގެ ފަހެއްގައި އެއްބަސްވުން ބާތިލުވެއްޖެ ކަަމަށް މިނިސްޓްރީން އިމްޕެކްސްއަށް އެންގިއެވެ. އެއާއެކު އެ ރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދާ 14 ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށާއި އެ މުއްދަތުގެ ތެރޭގައި އެ މުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް، އެގޮތަށް ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަން ވެސް އެންގިއެވެ. އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން އެންގިއެވެ.
މި މައްސަލައާ ގުޅިގެން އެކަންކަން އަންގައި އިމްޕެކްސްއަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކޮށްދިނުމަށާއި މިކަމާ ގުޅިގެން އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކިގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަމުން ގެންދިއުމަށާއި މި މައްސަލައިގައި އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު"ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގައި މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު އިމްޕެކްސްއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު އަމުރުކުރީ އިމްޕެކްސްއިން އެދުނު ގޮތަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި އެ މުއްދަތުގައި ދައުވާ ހުށަނާޅައިފި ނަމަ، މި އަމުރު ބާތިލުވާނެ ކަމަށް އިމްޕެކްސް އަންގައި، އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފިނަމަ، ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން މިވަގުތީ އަމުރު މުރާޖައާކޮށް ވަކި ގޮތެއް ކަނޑައަޅަންދެން މި އަމުރު ދެމިއޮންނާނެ ކަމަށް ވެސް ކޯޓުން އެންގިއެވެ.
ސިވިލް ކޯޓުގެ މި އަމުރަކީ ގާނޫނީ ހަމަތަކާ ހިލާފު އަމުރެއް ކަމަށްބުނެ ދައުލަތުން މި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ހުކުމް ކުރީ ސިވިލް ކޯޓުގެ އަމުރު ބާތިލުކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
ނަަމަވެސް ހައިކޯޓުގެ މި ނިންމުމާމެދުވެސް ހިންހަމަނުޖެހިގެން އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހެޅުމަށްފަހު، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީ ސިވިލް ކޯޓާއި ހައިކޯޓުން ނިންމި ނިންމުން ބާތިލު ކަމަށެވެ.
އޭރު އިމްޕެކްސް އިން އޮތީ ސިވިލް ކޯޓުން ދިން މުއްދަތުގައި އެ ކޯޓަށް ދައުވާގެ މައްސަލަ ހުށަހަޅައިފައެވެ.
ނަމަވެސް އެ ދައުވާ މިހާރު ހުށަހަޅާފައި އޮތުމުން، މިނިސްޓްރީން ނޯޓިސް ދިން ސިޓީއަށް އަމަލު ކުރުން ފަސްް ކުރުމުގެ އަމުރަކަށް އެދި އަނެއްކާވެސް އިމްޕެކްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ.
މިފަހަރު އެ ފަރާތުން އެދިފައިވަނީ ކޯޓުގައި ހިނގަމުންދާ މި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށް މިނިސްޓްރީން ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކޮށްދިނުމަށް އަންގައި އަލުން ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެފަދަ އަމުރެއް ނެރެދެންޖެހޭ ސަބަބުތައްވެސް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް މިދިޔަ އަންގާރަ ދުވަހު އެ މައްސަލައިގައި ސިވިލްކޯޓުން ނިންމާފައިވަނީ އިމްޕެކްސްއިން އެދިފައިވާ ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް