އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕް 2026 ގެ ފަހު ދެ ޖާގައަށް ކުޅެވޭ އިންޓަ-ކޮންފެޑެރޭޝަން ޕްލޭ އޮފް މުބާރާތުގެ ގުރު ނަގައިފިއެވެ.

އެ މުބާރާތުގައި ވާދަކުރާނީ ޖުމުލަ ހަ ގައުމެވެ. އެއީ އޭއެފްސީއާއި ކާފް، ކޮންކަކަފް، ކޮންމެބޯލް އަދި އޯއެފްސީ ކޮންފެޑެރޭޝަނުންނެވެ. މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ގުއަޑަލަޖާރާއި މޮންޓެރޭގައެވެ.

މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ބައިވެރިވެ ވަޑައިގެންފައިވެެއެވެ.

އިންޓަ-ކޮންފެޑެރޭޝަން ޕްލޭ އޮފް މުބާރާތުގެ ގުރު ނަގާފައި ވަނީ ޓީމުތައް ސީޑު ކޮށްގެންނެވެ. އެއީ ކޮލިފިކޭޝަންތަކަށް ބަލައިގެންނެވެ. ގުރަށް ސީޑު ކޮށްފައިވާ ދެޓީމަކީ އޭޝިއާގެ އިރާގާއި ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ.

އިރާގުން 1986 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވާން މަސައްކަތް ކުރަމުންދާ އިރު، އެޓީމުން ވާދަކުރާނީ ފައިނަލުގައެވެ. އެ ފަޅިން ސެމީގައި ނުކުންނާނީ ބޮލީވިއާއާއި ސުރިނާމެވެ.

އަނެއްފަޅިން ކޮންގޯއާ ދެކޮޅަށް ނުކުންނާނީ ކަލެޑޯނިއާއާއި ޖަމައިކާ ވާދަކުރާ ސެމީން މޮޅުވާ ޓީމެކެވެ.

ވޯލްޑް ކަޕް 2026 އަކީ 48 ގައުމުގެ މެދުގައި ކުޅެވޭ ފުރަތަމަ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުގެތަކުގެ އަދަދު އިތުރުކުރުމުން މިފަހަރު އާގައުމުތައް ފެނިގެންދާނެއެވެ. ހާއްސަކޮށް ބައެއް ކުދި ގައުމުތަކަށްވެސް ވޯލްޑް ކަޕުން ފުރުސަތު ލިބިގެން ގޮސްފައިވެއެވެ.