ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓުން ބަދަލެއް ނުކުރިއެވެ.

މިއީ ކުޑަ ކުއްޖަކު އެ ކުއްޖާގެ ގޭގައި ޖޯލިފައްޗެއްގައި ސައިބޯން އިންދައ،ި އަބްދުއްސަލާމް މޫސާ ކިޔާ މީހަކު އެތަނަށް ގޮސް، ކުއްޖާ އިށީނދެގެން އިން ޖޯއްޔާ އިންވެގެން ވާތްފަރާތުގައި ހުރި ޖޯލީގައި އިށީނދެ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އެ ކުއްޖާގެ ގައިގައި އަތްލި މައްސަލައިގައި ކުރި ދައުވާއެކެވެ.

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރީވެސް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަަލަ އެންމެ ފުރަތަމަ ބަލާފައި ވަނީ އެ ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ.

އަބްދުއްސަލާމްގެ މައްޗަށްކުށް ސާބިތުވާ ކަަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އެކޯޓުން ކުރީ 10 އަހަރުގެ މުއްދަތަށް ޖަލަށް ލުމުގެ ހުކުމެކެވެ.

އެއީ ގޯސް ހުކުމެއް ކަމަށް ބުނެ އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެެވެ. ހައިކޯޓުން ހުކުމް ކުރީ ކެޖިސްޓްރޭޓް ކޯޓުގެ ހުކުމަށް ތާއީދު ކުރާ ކަމަށެވެ. އަބްދުއްސަލާމްގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމަކީ ގާނޫނާ ހިލާފް ހުކުމެއްކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.