ރާއްޖޭން ވިއްކި ސުވެނިއާ ޓިކެޓްތަކުން އެއްކުރި، 300،000 ރުފިޔާ (19455.25 ޑޮލަރު) އެފްއޭއެމްގެ ފަރާތުން ފަލަސްތީން ފުޓުބޯޅަ އިދާރާއަށް ހަދިޔާކޮށްފިއެވެ.
ފާއިތުވި 10 ދުވަހު ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގައި، ކޭމްޕް ކުރި އިރު، ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއެކު ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުން 6-0 އިން ފަލަސްތީނު ޓީމު މޮޅުވިއިރު، ދެ ވަނަ މެޗުން 3-0 އިން ވަނީ މޮޅުވެފައެވެ.
އެމެޗުތަކުން ފަލަސްތީނު އެފްއޭއަށް އެހީވުމަށް ސުވެނިއާ ޓިކެޓް ވިއްކި އިރު، އެ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ބައްލަވައިގަތެވެ.
ދެމެޗަށްވެސް ޓިިކެޓް ވައްކާފައިވާ އިރު، ކޮންމެ މެޗެއްގައިވެސް ވިއްކީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާ ގޯލްޑް 200 ޓިކެޓެވެ. ސްވެނިއާ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމްއިން ޖާގަ ލިބޭ ގޮތަށް 1000 ރުފިޔާއަށް ވިއްކި ޓިކެެެޓެެވެ. އަދި، ސްވެނިއާ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާއަށް ވިއްކި ޓިކެޓެވެ.
އެފްއޭއެމް އިން ބުނީ، މި ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު 300،000 ރުފިޔާ ފަލަސްތީނު ޓީމާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި މިއީ، ހަނގުރާމައިގެ ހާލަތުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެ ގައުމުގެ ފުޓްބޯޅައިގެ ކަންކަން ރަނގަޅަށް ކުރިއަށްގެންދިއުމަށް ދެވުނު އެހީތެރިކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ އެހީތައް ފޯރުކޮށްދެމުންދާނެ ކަމަށެވެ.
މިފަހަރު ފަލަސްތީނުގެ ޒުވާން ޓީމުގެ ކޭމްޕަށް ސްޕޯޓްސް މިނިސްޓަރީން 546،000 ހަމަޖެއްސާފައިވެއެވެ. އޭގެ އިތުރުން އެޓީމުގެ ޑެލިގޭޝަނުގެ ކަންކަން ހަމަޖެއްސުމަށް 16 މެމްބަރުން އެކުލެވޭ ޓާސްކްފޯހެއް މަސައްކަތްކުރިއެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން މިއަދު ދާނީ އިންޑިއާގެ އަހުމަދުއާބާދަށެވެ.
މުޙައްމަދު ޝަމްޢޫން
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް