ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ މެންބަރުންގެ އަދަދު މަދުކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލާ ބެހޭގޮތުން އާންމުންގެ ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ވަގުތީ ކޮމީޓީއަކަށް ފޮނުވައިފައެވެ.
އެ ކޮމިޓީން ރޭ ނިންމާފައިވަނީ މި ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން އެ ބިލަށް ހިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންނަމަ އާދިއްޔަ ދުވަހުގެ 10:00 ގެ ކުރިން އެ ބިލު ދިރާސާކުރާ ވަގުތީ ކޮމިޓީގެ މެއިލްއަށް، ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ކޮމިޓީން ވަނީ އެދިފައެވެ.
ގާނޫނުގައި މިހާރު އޮންނަނީ 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ ފަސް މެންބަރުން ކަމަށެވެ. އަދި 3000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ހަތް މެންބަރުން ކަމަށެވެ.
ގާނޫނުގެ އެ މާއްދާއަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހުގައި ވަނީ 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ، ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެންބަރުން ކަމަށެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެންބަރުންކަމަށް ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ފަސް ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން، ހަތް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ތިން އަންހެން ކައުންސިލަރުން ހިމެނެންޖެހޭނެކަމަށް ކަނޑައަޅާފައިވާ މާއްދާ އިސްލާހުކޮށް، ތިން ކައުންސިލަރުންގެ ހިމެނޭ ކައުންސިލްތަކުގައި އެއް އަންހެން ކައުންސިލަރު، ފަސް ކައުންސިލަރުން ހިމެނޭ ކައުންސިލްތަކުގައި ދެ އަންހެން ކައުންސިލަރުން ތިބެންޖެހޭނެ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
ޑަބްލިޔުޑީސީތައް އެކުލެވިގެންވަނީ، ރަށެއްގައިނަމަ ފަސް މެންބަރުން ސިޓީއެއްގައިނަމަ އެތަނެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ އަދަދެއްނަމަ ހަ މެންބަރުން، 30،000 މީހުންނާއި 60،000 މީހުންނާ ދެމެދުގެ އާބާދީތަކުގައި 10 މެންބަރުން، 60،000 އަށްވުރެ މަތިނަމަ 18 މެންބަރުން ކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިއޮތް އަދަދު ބަދަލުކޮށް، ރަށެއްގައިނަމަ ރަށު ކައުންސިލަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ މެންބަރުން، އަދި ސިޓީއެއްނަމަ، އެ ސިޓީ ކައުންސިލްގައި ހިމެނޭ މެންބަރުންގެ އަދަދަށް ޑަބްލިޔުޑީސީތަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.
އަދި ޑަބްލިޔުޑީސީތަކުގެ ރައީސް އާއި ނާއިބުރައީސް ހޮވާނީ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންކަމަށް އޮތް ގޮތް ބަދަލުކޮށް، ރައީސް އިންތިހާބު ކުރާނީ ކޮމިޓީ ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށާއި، ނައިބުރައީސް ހޮވާނީ ކޮމިޓީ މެންބަރުންގެ ތެެރޭގައިނަގާ ސިއްރު ވޯޓަކުން ކަމަށް ހެދުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާތީ، ލާމަރުކަޒީ ގާނޫނުގައި ހިމެނޭ އަތޮޅު ކައުންސިލްތަކުގެ ބާބު ގާނޫނުން އުނިކުރަން މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް