ފާއިތުވި ދެ އަހަރުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުން އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައިވެސް ސަޕްލައި ރެޑިއުސްކުރުމަށް ކުރެވުނު އެންމެ ބޮޑެތި މަސައްކަތް އަޅުގަނޑުމެންނަށް މިވަނީ ކުރެވިފައި. ދެއަހަރެއްގެ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ އަދަދަަށް ޑްރަގް ހިފެހެއްޓުނު ދެ އަހަރު، ގާތްގަނޑަކަށް މަގުމަތީގެ ވެލިއުއިން ބަލާނަމަ، 2.2 ބިލިއަން ރުފިޔާގެ ޑްރަގްސް މިދިޔަ ދެ އަހަރުތެރޭގައި ވަނީ ހިފަހައްޓާފައި،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފާއިތުވި ދެ އަހަރުކުރި މަސައްކަތުގެ ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ސަރުކާރުން މަސައްކަތް ނުކުރިނަމަ، ކުޑަކުދިންނާއި ޒުވާނުންގެ ގިނަ ބަޔަކު އެ ވަބާގައި ޖެހުނީސް ކަމަށް އިހުސާން ވިދާޅުވިއެވެ.

ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.