މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށާއި މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާވެސް ބައްދަލުކުރައްވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުންތަކަކީ ކާމިޔާބު އަދި ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ އަތޮޅުތަކުގައި އެފަދަ ބައްދަލުވުންތައް ކުރިއަށްގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައިވެސް އެފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.