ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ނިޔާޒް ވަނީ ޑިޖިޓަލް ފައިނޭންސް އަދި ފިންޓެކް އީޖާދުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ކުރިއަރާދާނެ ގޮތާ ބެހޭގޮތުން އަލިއަޅުއްވާލައްވައިފައެވެ.
ޕެނަލް ޑިސްކަޝަންގައި ނިޔާޒު ވިދާޅުވީ ރާއްޖެ ފަދަ އުފެދިފައިވާ ގޮތުން ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސް އަކީ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމަށެވެ.
"ޑިޖިޓަލް ފައިނޭންސް އަކީ އަޅުގަނޑުމެން ކަހަލަ ގައުމެއްގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމުކުރުމަން ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް. ކައިރި މުސްތަގުބަލެއްގައި އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިއުމުން ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާއި އާމްދަނީ ހޯދުމާއި އާ ފުރުސަތުތައް ފަހިވެގެންދާނެ. ކޮންމެ މުޖުތަމައެއްވެސް ޑިޖިޓަލް އިކޮނޮމީގައި ބައިވެރިއަކަށް ވަނީ މިހެން،" އޭނާ ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އުމްރާނީ ތަރައްގީގެ ހަރަދު ބޮޑުވުމާއި، ޑިޖިޓަލް ހުނަރުންނަށް ހުރި ފަރަގުތަކާއި، ޑިޖިޓަލް ނިޒާމުތައް ބައިބައިވުން ފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.
"މިއީ އެއްވެސް ފަރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އީޖާދީ ފުރުސަތުތައް ފޯރުކޮށްދިނުމަށް ޕްރައިވެޓް ސެކްޓާއާއެކު ހަރުދަނާ ޕާޓްނާޝިޕެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވިއެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނިޔާޒު ވިދާޅުވީ "ޑިޖިޓަލް މޯލްޑިވްސްއެއް" ބައްޓަން ކުރާނީ ހަމައެކަނި ޓެކްނޮލޮޖީއެއް ނޫން ކަމަށާއި މީހުން ކަމަށެވެ. ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެއްސަކަށްވެސް ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެހީވެދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސެޝަންގައި ނިޔާޒް ވަނީ އެމް-ފައިސާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދީ، މުޅި ރާއްޖެ ކަނެކްޓިވިޓީ ފުޅާކޮށް، ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓް ކުރުމަށް އުރީދޫން އަބަދުވެސް މަސައްކަތްކުރާކަން ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްފައިސާއާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެން ދިއުމުން ދިވެހިންނަށް ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފްރީލާންސަރުންނާއި ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކާއި އުފެއްދުންތެރި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އުރީދޫގެ އަމާޒަކީ ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރެގިއުލޭޓަރުން އަދި ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާ ނޯޓިކާގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެ ކޮންފަރަންސްގައި، ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕޮލިސީ މޭކަރުންނާއި، މާލީ ދާއިރާގެ ވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް