ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުގެ އަނިޔާވެރި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާ ދެކޮޅަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާވެސް އަޑު އުފުލައިފިއެވެ.

މީގެ ކުރިންވެސް ގައްޒާގެ ދިފާއުގައި ގާޑިއޯލާ ވާހަކަ ދައްކާފައިވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. އެ ވީޑިއޯގައި އޭނާ އަސަރުން ފުރިގެންވާ ވާހަކަތަކެއް ދައްކާފައިވެއެވެ. އުފަން ރަށް ކަޓަލޫނިއާއަކީ މިނިވަން ގައުމެއް ގޮތުގައި ހަދައިދިނުމަށްވެސް އަޑު އުފުލި ގާޑިއޯލާ ބުނީ ގާޒާއަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް އަޑު އުފުލަން ނުކެރުމަކީ ފިނޑިވުން ކަމަށެވެ.

މިފަހަރު ގާޑިއޯލާ އިޒްރޭލާ ދެކޮޅަށް އަޑު އުފުލީ ފަލަސްތީނުން ކަޓަލޫނިއާއާ ދެކޮޅަށް ކުޅެން އެކުވެރިކަމުގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

"މުޅި ދުނިޔެ ފަލަސްތީނު ބާކީ ކޮށްލީ. އަހަރެމެންނަށް ފަލަސްތީނުގެ ދިފާއުގައި ކުރެވުނު އެއް ކަމެއްވެސް ނެތް. ފަލަސްތީނު ރައްޔިތުންގެ ކުށެއް ނޫން އެއީ ދުނިޔެއަށް އުފަންވުމަކީ. ބަޔަކު އެމީހުންގެ ނަސްލު އެއްކޮށް ނެތިކޮށްލިއިރުވެސް ދުނިޔެ މިތިބީ ބަލަހައްޓައިގެން. މިހާރު އެއޮތީ އަރައި ނުގަނެވޭނެ ހާލަތެއްގައި،" ގާޑިއޯލާ އަސަރާއެކު ބުންޏެވެ.

އޭގެ އިތުރުން ގާޑިއޯލާ ބުނީ އިޒްރޭލުން ގައްޒާގައި ހިންގަމުންދާ ގަތުލްއާއްމާ އެއްކޮޅަށް ވާހަކަ ދައްކާ މީހެއް ހުރުން އެއީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް އެކަމަށް ސަނާ ކިޔަން ތިބި ވެރިންނަކީ އުންމީދެއް ނެތް ބައެއް ކަމަށްވެސް އޭނާ ބުންޏެވެ.

ފަލަސްތީނުން ދާދިފަހުން ސްޕެއިންގެ ސްޓޭޑިއަމެއްގައި ކުޅުނު މެޗުގައިވެސް އެގައުމަށް ހިތްވަރުދީ އަޑު އުފުލާފައިވާ އިރު، ގާޑިއޯލާ ބުނީ ފުޓުބޯޅައިގެ ތެރެއިން ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ހިތްވަރު ދޭން މަޖުބޫރު ކަމަށެވެ. އަދި އެކަމަށް އަބަދުވެސް ހިތްވަރު ދޭނެ ކަމަށް އޭނާ ބުންޏެވެ.