ރާއްޖޭގެ ލީގު މެދުކެނޑުމެއްނެތި ކުރިއަށްދާތީ، ކުޅުންތެރިން ފިޓްނަސް ހުރީ ރަނގަޅު ލެވެލްއެއްގައި ކަމަށާއި، އެއީ ހިތްހަމަޖެހުމެއް ކަމަށް ގައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މޯހަން އެހެން ބުނީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ފިލިޕީންސާ ދެކޮޅަށް މިއަދު ކުޅޭ މެޗާ ގުޅޭގޮތުން އިއްޔެ ވާހަކަދައްކަމުންނެވެ.

ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި މޯހަން ބުނީ ތައްޔާރީތައް ރަނގަޅު ކަމަށާއި، ފިޓްނަސް ރަނގަޅުވުމުން ޓެކްޓިކްސްއަށް މަސައްކަތް ކުރަން ވަގުތު ލިބޭ ކަމަށެވެ.

"ތައްޔާރީތައް ފުދޭވަރަކަށް ދިޔައީ. ސީޒަން ތެރޭގައި މެޗު ކުޅެމުންދާތީ، ފިޓްނަސްއާ ދޭތެރޭ މާބޮޑު ހާސްކަމެއް ނެތް. ކްލަބުތަކުން ލީގުގައި ކައިރިކައިރީ މެޗުތައް ކުޅެމުންދާތީ، ފިޓްނަސްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. މިދިޔަ ހަތް ވަރަކަށް ދުވަހު، ޓެކްޓިކަލީ ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނު. ކުޅުންތެރިންގެ ހިތްވަރާއެކު އެކަން މި ކުރެވެނީ،" މޯހަން ބުންޏެވެ.

ރާއްޖެއިން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އަދި ޕޮއިންޓެއް ލިބިފައި ނުވާ އިރު، މިއީ ދެވަނަ ހޯމް މެޗެވެ. އެންމެފަހުން ގައުމީ ދަނޑުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ ތަޖިކިސްތާން ކައިރިންނެވެ.

14 އޮކްޓޫބަރ 2025، މާލެ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ތަޖިކިސްތާނުން ގައުމީ ދަނޑުގައި ކުޅުނު މެޗުގެ ތެރެއިން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުނީ ހޯމްގައި ކުޅެން ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށާއި، ސަޕޯޓަރުން އެއީ ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އެއާއެކު މޯހަން ބުނީ ފިލިޕީންސަކީ ގްރޫޕްގެ އެއްވަނައިގައި އޮތް ޓީމު ނަމަވެސް، ނަތީޖާ ނުނެރޭވެނެއެކޭ ނުބުނާނެ ކަމަށެވެ. އެހެން ނަމަވެސް އެޓީމަށް ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

17 ނޮވެމްބަރ 2025، މާލެ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސްގައި ވައިސް ކެޕްޓަން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިހާރު ޕްރެކްޓިސްތަކުގެ ފޯކަސްއާ ގުޅޭގޮތުން ސުވާލުކުރުމުން ކޯޗު ބުނީ، އެންމެ ބޮޑަށް މަސައްކަތްކުރަނީ ފަސޭހަ ގޯލުތައް ވަނުން ހުއްޓުވަން ކަމަށެވެ.

"މިހާރު އާއްމުކޮށް ދިވެހި ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އާދައިގެ، ނޫނީ ސިމްޕަލް ގޯލް ވަދެގެން ދިއުން. އެކަން ހުއްޓުވޭތޯ ކުރަން ޖެހޭ މަސައްކަތަށް ވަރަށް ބޮޑަށް ފޯކަސް ކުރިން. ދެން މިދިޔަ ހަތަރު މެޗަށް ބަލާ އިރު، ސެޓް ޕްލޭއެއްގައި ކޮޅަށް ގޯލެއް ވަދެފައެއް ނެތް. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އިދިކޮޅު ޓީމުތަކުގައި ބޮޑެތި ކުޅުންތެރިން ތިބޭ އިރު، އެކަން ހުއްޓުވުން އެއީ ވަރަށް މުހިންމު ކަމެއް. އަދިވެސް އެކަމަކު ޖެހޭ ފަސޭހަ ގޯލުތައް ވަނަ ނުދޭން،" ކުރިން ކްލަބުތަކުން މަޝްހޫރުވި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މޯހަން ބުންޏެވެ.

މޯހަން ބުނީ އޭގެ އިތުރުން ގޯލް ކޮޅަށް ވަންނަ ވަގުތުތައްވެސް އެއީ މެޗެއްގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. އެގޮތުން ރާއްޖޭ ޓީމު ކޮޅަށް ބައެއް މެޗުތަކުގައި 10 ވަރަކަށް މިނެޓުވެސް ނުވަނީސް ގޯލް ވަނުން އެއީ ސައިކޮލޮޖިކަލީ އޭގެ އަސަރު ކުރާ ކަމެއް ކަމަށާއި، އެކަން ހުއްޓުވަން މަސައްކަތް ކުރި ކަމަށް މޯހަން ފާހަގަކުރިއެވެ.

ކޯޗު ފާހަގަކުރީ އެންމެފަހުން ކުޅުނު ތަޖިކިސްތާނާއި ފިލިޕީންސަކީ ތަފާތު ދެ ޓީމެއް ކަމަށެވެ. ހާއްސަކޮށް ތަޖިކިސްތާން ޓީމެއްގެ ގޮތުގައި މޮޅު ނަމަވެސް، ފިލިޕީންސްގެ އެންމެ ވަރުގަދަ ކަމަކީ އިންޑިވިޖުއަލް ހުނަރުގެ ތަފާތު ކަމަށެވެ. އެކަމަށް ސަމާލުކަން ދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ރާއްޖެއާއި ފިލިޕީންސް މިއަދު ވާދަކުރާ މެޗު އޮންނާނީ މެންދުރުފަހު 3:30 ގައެވެ.