ޔޫރަޕްގެ ޓީމުތަކަށް ވޯލްޑް ކަޕް ކޮލިފިކޭޝަން އިންސާފުވެރި ނޫން ކަމަށް އިޓަލީގެ ކޯޗު، އެ ގައުމުގެ ލެޖެންޑް ޖެނަރޫ ގަޓޫސޯ ބުނެފިއެވެ.
ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން އުސޫލު އޮންނަ ގޮތުން، ވޯލްޑް ކަޕްގެ ޖާގައެއް ސީދާ ލިބެނީ ގްރޫޕްގެ އެއްވަނަ ޓީމަށް އެކަންޏެވެ. އާއްމުކޮށް އެއްވަނައަށް ދާ ޓީމުތަކުން ހުރިހާ މެޗަކުން ކަހަލަ ގޮތަކަށް މޮޅުވާން މަޖުބޫރުވެފައި އޮންނަ އިރު، އިޓަލީ އޮތީ އަނެއްކާވެސް ނާޒުކު ހާލަތެއްގައެވެ.
މިދިޔަ ދެ ވޯލްޑް ކަޕަށްވެސް ކޮލިފައިވެފައި ނުވާ އިޓަލީން މިފަހަރުވެސް ގްރޫޕްގެ ދެވަނައިގައި ނިންމާލުމުން އެގައުމަށް އަނެއްކާވެސް ވަނީ ކޮލިފިކޭޝަން ޕްލޭ އޮފްގެ މެޗުތައް ކުޅެން ޖެހިފައެވެ.
އިޓަލީ ހިމެނޭ ގްރޫޕުގެ ހުރިހާ މެޗަކުން މޮޅުވެ ނޯވޭން ވޯލްޑް ކަޕް ޔަގީންކުރި އިރު، އިޓަލީއަށް ސީދާ ޖާގަ ގެއްލުނީ އަށް މެޗުން ހަ މޮޅު ހޯދާފައިވަނިކޮށެވެ.
"އަހަރެމެން ކުޅުނު ޒަމާނުގައި ގްރޫޕްގެ އެއްވަނައާއި ދެވަނަވެސް ދޭ ވޯލްޑް ކަޕަށް. މިހާރު ދެން އެ ގަވާއިދު ބަދަލުކޮށް. ދެން ބަލައިލަން ޖެހެނީ ހަ މެޗުން މޮޅުވެގެން ވޯލްޑް ކަޕަށް ނުދެވޭ ގޮތަށް އޮންނަ ގަވާއިދެއް އިންސާފުވެރިތޯ،" ގަޓޫސޯ ބުންޏެވެ.
އިޓަލީއާއެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ގަޓޫސޯ ބުނީ އެފްރިކާއާއި ދެކުނު އެމެރިކާގެ ކޮލިފިކޭޝަންތައް މާ ބޮޑަށްވެސް ފަސޭހަ ކަމަށެވެ. އެގޮތުން މިހާރު ވޯލްޑް ކަޕްގައި އެފްރިކާގެ ނުވަ ޓީމު އޮންނާތީ އެކަމަށް ގަޓޫސޯ ވަނީ ވާހަކަދައްކައިފައެވެ.
"1990 ވަނަ އަހަރާއި 1994 ވަނަ އަހަރު އެފްރިކާއިން ވޯލްޑް ކަޕަށް ސީދާ ދަނީ އެންމެ ދެ ޓީމު. މިހާރު ނުވަ ޓީމު. އެފްރިކާ ފެންވަރު ދަށް ވާހަކައެއް ނޫން މި ބުނަނީ. އެކަމަކު ފަސޭހަ މަގެއް އެބައޮވޭ. އަދި ދެކުނު އެމެރިކާއިން 10 ޓީމަކުން މި ވާދަކުރަނީ ލީގު ބުރެއްގައި، އޭގެ ތެރެއިން ހަ ޓީމަށް ސީދާ ޖާގަ ލިބޭ. އަދި ހަތްވަނަ ޓީމު އިންޓަ ކޮންޓިނެންޓަލް ޕްލޭ އޮފަށް ދޭ. އެހެންވީމަ އެއީ އިންސާފެއްތޯ ސުވާލު އުފެދޭ،" ގަޓޫސޯ ބުންޏެވެ.
ގަޓޫސޯ ބުނީ އެ ސިސްޓަމް ބަދަލުވާން ޖެހޭ ކަމަށެވެ. ހާއްސަކޮށް ޔޫރަޕްގެ ކޮލިފިކޭޝަން އުނދަގޫ ކަމަށް އޭނާ ބުންޏެވެ.
ގަޓޫސޯ އެހެން ބުނި ނަމަވެސް، ތަފާސްހިސާބުތައް ބަލާ ފަރާތްތަކުން އެކަމާ ދެކޮޅު ހަދައެވެ. ހާއްސަކޮށް މިހާރު ފުޓުބޯޅަ ރަސްމީކޮށް ކުޅޭ ގައުމުތައް ގިނަވުމުން ޔޫރަޕްގެ ކޮލިފިކޭޝަންތައް ފެންވަރު ދަށްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ހާއްސަކޮށް ގްރޫޕެއްގެ އެއްވަނައާއި ދެވަނަ ޓީމު ފިޔަވައި ދެން ޔޫރަޕްގެ ކޮލިފިކޭޝަންތަކުގައި ކުޅޭ ހުރިހާ ޓީމުތަކަކީވެސް އެފްރިކާއާއި ދެކުނު އެމެރިކާގެ ކޮލިފިކޭޝަންތަކުގައި ބައިވެރިވާ ޓީމުތަކަށްވުރެ ރޭންކިން ރަނގަޅު ޓީމުތައް ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން