އާލިން ހާލަންޑްގެ ގޯލްތަކާއެކު އިޓަލީ ބަލިކޮށް، ނޯވޭން 28 އަހަރު ފަހުން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
ރޭ ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަން ގްރޫޕް އައިގައި ނޯވޭން އިޓަލީ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ނޯވޭން ގްރޫޕްގެ އެއްވަނަ ޔަގީންކުރީ އަށް މެޗުން 24 ޕޮއިންޓާއެކުގައެވެ. އެއީ ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.
ދެވަނައިގައި އޮތް އިޓަލީއަށް އަނެއްކާވެސް ކޮލިފިކޭޝަން ޕްލޭ އޮފް ކުޅެން ޖެހިފައިވާ އިރު، އެޓީމަށް އަށް މެޗުން ލިބުނީ 18 ޕޮއިންޓެވެ. ކޮލިފިކޭޝަން ގްރޫޕްގައި އިޓަލީ ބަލިވި ދެމެޗަކީވެސް ނޯވޭއާ ދެކޮޅަށް ކުޅުނު ދެމެޗެވެ.
ރޭގެ މެޗުގައި އިޓަލީން ފުރަތަމަ ލީޑު ނެގި ނަމަވެސް ނޯވޭން ވަނީ ފެންވަރު ދައްކާލައިފައެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ފްރެންސެސްކޯ ޕިއޯ އެސްޕޮސީޓީ އިޓަލީއަށް ގޯލް ޖަހައިދިން ނަމަވެސް، ދެވަނަ ހާފުގައި ނޯވޭން މަންޒަރު ބަދަލުކޮށްލިއެވެ. ނޯވޭން ދެވަނަ ހާފުގައި ހަތަރު ގޯލް ޖެހި އިރު، އެޓީމުގެ ފުރަތަމަ ގޯލް ޖެހީ އެންޓޯނިއޯ ނޫސާއެވެ.
އޭގެފަހުން ހާލަންޑްގެ ދެ ގޯލް ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ކޮލިފިކޭޝަންގައި 16 ގޯލް ޖަހައިގައެވެ. އަދި ގައުމީ ޓީމަށް ކުޅުނު 48 މެޗުން ހާލަންޑް ވަނީ މިހާތަނަށް 55 ގޯލް ޖަހައިފައެވެ.
ނޯވޭގެ ފަހު ގޯލް ޖަހައިދިނީ ޖޯގެން ސްޓްރޭންޑް ލާސެންއެވެ.
ނޯވޭ އަލުން ވޯލްޑް ކަޕަށް ކޮލިފައިވެފައި މިވަނީ 28 އަހަރަށްފަހުއެވެ. އެޓީމުން އެންމެފަހުން ވޯލްޑް ކަޕެއް ކުޅެފައި ވަނީ 1998 ވަނަ އަހަރުއެވެ. އޭގެ ކުރިން ނޯވޭން ވަނީ 1938 އަދި 1994 ވަނަ އަހަރު ވޯލްޑް ކަޕުގައި ކުޅެފައެވެ.
އެޓީމުން އެންމެފަހުން ކުޅުނު ބޮޑު މުބާރާތަކީ 2000 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން