އޭނާއަށް ދިމާވި ބަލި ހާލަތަކާ ގުޅުވައި ހަޖޫޖަހައި މަލާމަތް ކުރަމުންދަނީ އިންސާނިއްޔަތުކަމެއް ނެތުމުގެ ސަބަބުން ކަމަށް އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާއަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތެކެވެ. ހީނާ ކެންސަރަށް ޑައިގްނޯސިސްވެފައިވަނީ 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައެވެ. އޭރު ހީނާއަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނެވެ. މިހާރުވެސް އޭނާ ގެންދަވަނީ ޕީއެންސީގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވަމުންނެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަަވަމުން ހީނާ ވިދާޅުވީ އަންހެނަކަށްވީތީ އޭނާއަށް ސިޔާސީ ގޮތުން ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާގެ ސިފައަށްވެސް ހަޖޫޖަހުންދާކަމަށް ހީނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ. ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފައަށް ވެސް ހަޖޫޖަހައި އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރުވެސް ނެތީމަ،" ހީނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވަނީ އާއިލާއާއި ދަރިން ދޫކޮށްކަމަށް ހީނާ ވިދާޅުވިއެވެ. ޕީއެންއެފް ޖަލްސާތަކުގައި އޭނާއަށް ހަޖޫޖަހައި މަލާމަތްކުރަނީ އެ މަސައްކަތުގެ އަގު ވަޒަން ނުކުރާތީކަމަށް ހީނާ ވިދާޅުވިއެވެ.
ނަފުސާނީ ގޮތުން ބަލިކަށިކޮށްލުމަށް ކޮންމެ ވާހަކައެއް ބަޔަކު ދެއްކިޔަސް އޭނާގެ އަޒުމެއް ނުގުނޑާނެކަމަށް ހީނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު