ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަލީ އާރިފް ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ދުވަހު، 17 ނޮވެމްބަރު 2023ގައެވެ.

އަލީ އާރިފަކީ ރައީސް މުއިއްޒުގެ އާއިލީ ބޭފުޅެއް ވެސް މެއެވެ.

އާރިފް، ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އިރު، އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދާއި ސަރުކާރުގެ މަސްކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ސަރުކާރުން ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަކި ކުރެއްވުމާއި އިސްތިއުފާ ދެއްވުމުގެ މައްސަލަތަކެއް މިދުވަސްވަރު ފެށިގެން ކުރިއަށްދާއިރު، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައިފަ އެވެ.

ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެ އެވެ.