ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އުސޫލަށް ބަދަލެއް ނާންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިގޮތަށް ވިދާޅުވެފައި މިވަނީ މިއަދު ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވާތީ، އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1 މާޗް 2026 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުސޫލުގެ މަތީން ގަވާއިދުން ކުރިއަށްދާނެ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ހީނާ ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާބެހޭ ގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވާ ބަސްފުޅު ކުއޯޓް ކުރައްވައިފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ "މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހްމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން." ކަމަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގައި ވެސް މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލު ކުރެވޭ ގޮތް ދަންނަވަމުން ގެންދަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު