ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސައްކަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މިއަދު "މޭޑޭ ރެލީ" ބާއްވައިފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި "މޭޑޭ ރެލީ" ފަށާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި އެ ހިނގާލުމުގައި ސަރުކާރުގެ އެކި މުއައްސަސާތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

އެ ހަރަކާތުގައި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގެން މަސައްކަތްތެރިންނަށް ހިތްވަރު ދެއްވާފައިވެއެވެ. އޭގެ ތެރޭގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.

ހިނގާލުމުގެ ބައިވެރިންނާ މުހާތަބުކުރައްވައި އިހުސާން ވިދާޅުވީ، ގައުމުގެ އިގުތިސޯދުގެ މައިބަދައަކީ މަސައްކަތްތެރިން ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް އަމާޒުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވައި، ހުރިހާ މަސައްކަތްތެރިންނަށް ވެސް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ.

ހީނާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ނަމަވެސް އެއީ ގައުމަށް ކޮށްދޭ އަގުނުކުރެވޭނެ ހިދުމަތެކެވެ. އަދި މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން އަބަދުވެސް ސަމާލުކަން ދޭނެކަމަށް ހީނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ ފުރަތަމަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރުމާއި އެމީހުން ގައުމުގެ ތަރައްގީއަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމެވެ.