ސަރުކާރު ހިންގާ، ޕީއެންސީން ބާއްވާ ޖަލްސާއަށް، ރާއްޖޭގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފިއެވެ.

އާޓިފިޝަލް ބީޗްގައި ޕީއެންސީން މިރޭ 8:30 ގައި ބާއްވާ ޖަލްސާއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާއެކެވެ.

އެ ޖަލްސާއަށް އިއްޔެ ރަށްރަށުން ފުލައިޓުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އައިސްފައިވާ އިރު، މިއަދު ހެނދުނު ކަނޑުމަގުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އައިސްފައެވެ. ރަށްރަށުން އައި ގިނަ އަދަދެއްގެ ބަޔަކު މިވަގުތު ވެސް ތިބީ ޕީއެންސީ ޖަގަހަ ކުރިމަތީގައެވެ.

14 ނޮވެމްބަރު 2025، ޕީއެންސީގެ ޖަލްސާއަށް ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ އައުން -- ފޮޓޯ/ ޕީއެންސީ

ޕީއެންސީން އެ ޖަލްސާއަށް ތައްޔާރުވާތާ ދުވަސްތަކެއް މިހާރު ވަނީ ވެފައެވެ. އެގޮތުން އެ ޖަލްސާގައި ބައިވެރިވާ މީހުންނަށް ދައުވަތު އެރުވުމަަށް މާލެއާއި އެކި ރަށްރަށުގައި އެ ޕާޓީން ވަނީ "މަވެސް ދާނަން"ގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށްގެންގޮސްފައެވެ.

އެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ޕީއެންސީން ބޭއްވި ހަރަކާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އެ ޖަލްސާގައި ރައްޔިތުން ތިބީ ކޮން ލީޑަރަކާއެކުގައިކަން އަދި ތިބީ ކޮން ފިކުރެއްގައިކަން ވަރަށް ސާފުކޮށް ފެންނާނެ ކަމަށެވެ.

އެ ޖަލްސާއަށް ރައްޔިތުން އާޓިފިޝަލް ބީޗަށް ޖަމާވަނީ ރައްޔިތުން ތިބީ ރައީސް މުއިއްޒާއެކުގައިކަން އަދި ވާދަވެރި ފަރާތްތަކުން ދައްކާ އަސްލެއް ނެތް ވާހަކަ ރައްޔިތުން ގަބޫލުނުކުރާކަން ސާބިތުކޮށްދިނުމަށްޓަކައި ކަަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

މިރޭ ބާއްވާ އެ ޖަލްސާގައި ޕީއެންސީގެ ރައީސް، ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.