މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގައި މިއަދު ފެށި ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
"އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ" ރައީސް ވިދާޅުވިއެވެ.
އޭގެ އިރުކޮޅެއްފަހުން ފުލުހުން ވަނީ ބަޔާނެއް ނެރެ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ޑްރަގް އޮޕަރޭޝަނެއް މިއަދު ފަތިހު 5:30 އިން ފެށިގެން ފަށާފައިވާ ކަމަށް ބުނެފައެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދަނީ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮންތަނަކުން ކަމެއް ސާފެއް ނޫނެވެ.
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ވިއްކުމަށް ބޭނުންވާ އާލާތްތައްވެސް ހޯދައިފައެވެ.
ފުލުހުން ބުނި ގޮތުގައި "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ ތާރީހެއްގައި ޑްރަގާ ދެކޮޅަށް ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް