ސައުދީ އަރަބިއާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ކުރިއަށް ދިޔަ ސްވިމިން އިވެންޓްތަކުގައި ވާދަކޮށް، ފިރިހެނުންގެ ލޯންގް ކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފިއެވެ.

އެ ރެކޯޑު އާކުރީ ލޫތު މުހައްމަދު ހުސެއިން، އިމްއާން އާލީ، މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އައިދިން ނިޔާޒު ހިމެނޭ ޓީމުންނެވެ. އެ ޓީމުގެ ޓައިމިންއކީ ހަތަރު މިނެޓް، 25.25 އިން ރޭސް ނިންމައިގެންނެވެ.

މިފަހަރު ރެކޯޑު ހެދި ޓީމް ---

ކުރިން ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އެފަހަރު ރެކޯޑު އާކުރީ މުހައްމަދު ރިހާން ޝިހާމް، މުބާލް އައްޒާމް އިބްރާހީމް، އިމްއާން އާލީ އަދި އަހުމަދު ނީގް ނިޔާޒުގެ ޓީމުންނެވެ. އެޓީމުގެ ޓައިމިންއަކީ ހަތަރު މިނެޓް 25.69 ސިކުންތެވެ.

މިއަދު ކުރިއަށްދިޔަ ސްވިމިން އިތުރު ހީޓްތަކަށް ބަލާ އިރު، 50 މީޓަރު ބްރެސްޓްސްޓްރޯކް ހީޓް ދޭއްގައި ރާއްޖޭގެ ލޫތު މުހައްމަދު ހުސައިން ވާދަކޮށް، 32.26 ސިކުންތުން ރޭސް ނިންމާފައިވެއެވެ. އެ އިވެންޓްގެ ހީޓް ތިނެއްގައި ރާއްޖޭގެ އިޒްޔަން ނާޒިމް ވާދަކޮށް، ރޭސް ނިންމީ 36.98 ސިކުންތުންނެވެ.

އޭގެ އިތުރުން އައިދަން ވަނީ 100 މީޓަރު ބަޓަފްލައި އިވެންޓްގައި ވާދަކޮށް، އެއް މިނެޓް، 6.26 ސިކުންތުން ރޭސް ނިންމައިފައެވެ. އަދި 50 މީޓަރު ބެކްސްޓްރޯކް ހީޓްގައި ރިހާން ވާދަކޮށް 31.72 ސިކުންތުން ރޭސް ނިންމިއެވެ. އެ އިވެންޓްގެ ހީޓް ތިނެއްގައި އިމްއާން ވާދަކޮށް 30.78 ސިކުންތުން ރޭސް ނިންމިއެވެ.

އަންހެން 200 މީޓަރު ފްރީސްޓައިލް އިވެންޓްގައި ރާއްޖޭގެ އަޔާނާ އަރީފް ވާދަކޮށް، ދެމިނެޓް، 38.18 ސިކުންތުން ރޭސް ނިންމިއެވެ.