ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް އިއްވި ހުކުމް ކަށަވަރު ކުރުމަށް ހައިކޯޓުގައި މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ ހަތަރެއް ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.
އެ މައްސަލައިގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ، 16 އޭޕްރީލް 2023 ވަނަ ދުވަހު އަދުހަމްގެ މައްޗަށް މަރުގެ ހުކުމްކުރީ، ގާސިމްގެ ވާރިސުންގެ ގޮތުގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީއެވެ.
މަރުގެ ހުކުމްތަކުގައި ހުކުމްކުރި މީހާގެ ފަރާތުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ނުކޮށްފިނަމަ އެ ހުކުމް ކަށަވަރު ކުރުމަށް ދައުލަތުން މަތީކޯޓުތަކަށް ހުށަހަޅަންޖެހެއެވެ.
ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އެގޮތުންނެވެ.
ހައިކޯޓުން އެ މައްސަލަގައި ނިންނާ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެކޯޓުން ކަނޑައަޅާ ގޮތެއްވެސް ބަލަންޖެހެއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް