އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ހަ ބުރީގެ އޮފީސް އިމާރާތުގެ ކޮންކްރީޓް އަދި ސްޓްރަކްޗަރަލް މަސައްކަތް ނިންމައިފިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ހަ ފަންގިފިލާގެ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 2024 މާޗް 11 ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އެ މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އިއްޔެ ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ހަ ބުރީގެ އޮފީސް އިމާރާތުގެ މެކޭނިކަލް ރޫފް ޓްރަސް މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްގެންދާ ކަމަށެވެ.

އެ އިމާރާތުގައި، އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނުމާއި މުވައްޒަފުންނަށް ޑޭކެއާ ސެންޓަރަކާއި ޕާކް ކުރާނެ ޖާގަ ހިމެނޭނެއެވެ.

އޭގެ އިތުރުން އަލަށް އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ލައިބްރަރީއާއި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ.