އަންނަ 2026 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވާ ބަޖެޓަކީ ގާނޫނުއަސާސީންނާއި އެންޓި ކޮރަޕްޝަންގެ ގާނޫނުން އެ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަން ފުދޭވަރުގެ ބަޖެޓެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އަންނަ އަހަރަށް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ބަޖެޓާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، 2026 ވަނަ އަހަރަށް އެ ކޮމިޝަނަށް ދޭން ފިނޭންސް މިނިސްޓްރީން ކަނޑައެޅި ސީލިންއަކީ 49.84 މިލިޔަން ރުފިޔާ ކަމަށެވެ. އޭސީސީއަށް ބެނުންވެގެން އެދިފައިވަނީ 84 މިލިއަންގެ ބަޖެޓަކަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އޭސީސީއަށް ދޭން ކަނޑައަޅާފައިވަނީ 47.37 މިލިޔަން ރުފިޔާ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ދެ މިލިޔަނަށްވުރެ މަދު އަދަދެއްކެވެ.

"އެއާއެއްކޮށް ނިއު ޕޮލިސީ އިނީޝިއޭޓް ބަޖެޓްގެ ތެެރެއިން 2026 ވަނަ އަހަރަށް އެދިފައި އޮތް އަދަދުތަކުގެ ތެރެއިން އަޅުގަނޑުމެން އިސްކަންދޭ ތަރުތީބުން ތިން ވަނައިގައި ހިމަނާފައި އޮތް ކަމަކަށް ބަޖެޓުގައި ހިމަނާފައިވަނީ ދެލައްކަ ރުފިޔާ، އެހެންވީމަ އެ ބައިގަ ޖުމްލަކޮށް އަޅުގަނޑުމެން 2026 އަށް ގާނޫނު އަސާސީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން ކޮމިޝަނަށް މަތިކޮށްފައި އޮތް މަސްއޫލިއްޔަތު އަދާކުރުމަށް ޖުމުލަކޮށް ކުރުކޮށް ބުނާ ކަމަށްވަންޏާ ފުދޭ މިންވަރެއް ނޫން މި ބަޖެޓަކީ،"

ޝާމިލް ވިދާޅުވީ، އޮފީސް ހިންގުމާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަންނަ އަހަރުގެ ބަޖެޓްގައި އޭސީސީއަށް އޮތީ 47 މިލިޔަން ރުފިޔާ ކަމަށެވެ. ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް އޮތީ 1.6 މިލިޔަންކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔައްތުގެ ތެރެއިން ތަހުގީގުތައް ހިންގުމުގައި ރާއްޖެ މިއޮތްގޮތުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ މުޅި ބަޖެޓުގެ 0.28 ޕަސެންޓު އެއީ ގާތްގަނޑަކަށް 130000 ހެއްހާ ރުފިޔާ ދަތުރުތަކަށް އިނީ ލިބިފައި،" ޝާމިލް ވިދާޅުވިއެވެ.