ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2026 ބޭނުންކުރާނެ ބޯޅައަކީ ސޮނީ ސްޕޯޓްސްއިން ވިއްކާ، ނައިކީ ފުޓްސަލް ޕްރޯ - ޓީމް އެޗްވީ6327-100 ސީރީސްގެ ފުޓްސަލް ބޯޅަކަމަށް އިއުލާނު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން ދެ މުބާރާތުގައި ވެސް ޖުމުލަ 129 ޓީމަކުން ވާދަކުރި އިރު، ގާތްގަނޑަކަށް 300 އަށްވުރެ ގިނަ މެޗު އޭގެން ކޮންމެ މުބާރާތެއްގައި ވެސް ކުޅެފައިވެއެވެ.

ކޮންމެ އަހަރަކުވެސް މުބާރާތުގެ ކުރިން ރަސްމީ ބޯޅަ އިއުލާނުކުރާ އިރު، މިފަހަރު ބޭނުންކުރާ ބޯޅައަކީ ޒަމާނީ ފުޓްސަލްއަށް ފައްކާކުރެވިފައިވާ ބޯޅައެކެވެ. ހާއްސަކޮށް މެޗުގެ ކޮންޓްރޯލަށް މިފަހަރުގެ ބޯޅަ އެހީވެދޭނެއެވެ. އެއީ ނައިކީ ޕްރޯގެ ބޯޅައަކީ ބައުންސްވުން ކުޑަ، ކުދި ޕާސްތަކަށާއި ނެއްޓުންތަކަކަށް އެކަށޭނެ ބޯޅައަކަށްވާތީއެވެ.

އޭގެ އިތުރުން ނައިކީ ޕްރޯގެ ބޯޅައަކީ ފުޓްސަލްގެ ރަސްމީ މިންގަނޑުތަކަށް ބަރުދަން ހުންނަ، އެކަށީގެންވާ މިންގަނޑަށް ސައިޒް ކުރެވިފައިވާ ބޯޅައެކެވެ.

ބޯޅައިގެ ޑިޒައިނުގައި ރަތް ކުލައިގެ ރޮނގުތައް ހިމެނޭތީ، އެ ބޯޅައަކީ ރޭގަނޑުގެ މެޗުތަކަށްވެސް ހާއްސަ، ކުޅުންތެރިންނަށް ފޯކަސް ކުރަން ފަސޭހަވާނެވެސް ބޯޅައެކެވެ.

25 ފެބްރުއަރީ 2025، ހުޅުމާލެ، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކިންގްގެ މަގާމު ހޯދި ސަލީލް، ނައިބު ރައީސާއެކު --- ވަން ފޮޓޯ/ އިމޭޖަސް އެމްވީ

އަހަރެއް އަހަރަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފޯރިގަދަވެ، މިދިޔަ އަހަރުގެ މުބާރާތް ވެގެން ދިޔައީ ރެކޯޑު އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވެސް ގޮސްފައިވާ އަހަރަކަށެވެ. ހާއްސަކޮށް އަތޮޅާއި ރަށު ފޯރި މުބާރާތުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާ އިރު، އޮންލައިން ޕްލެޓްފޯމުތަކަށް ރެކޯޑު އަދަދަކަށް ވިއުސްވެސް ލިބިފައިވެއެވެ.

އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެސް ޗެރިޓީ މެޗަކުން ފަށަން ތާވަލުކޮށްފައިވާ އިރު، ޗެރިޓީ މެޗު އޮންނާނީ ޖެނުއަރީ ތިންވަނަ ދުވަހުގެ ރޭގައެވެ. ބައްދަލުކުރާނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ބ. އޭދަފުށި އަދި މިއަހަރުގެ ޗެމްޕިއަން ކ. ކާށިދޫއެވެ.