އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން އެންމެފަހުން ކުޅުނު މެޗުގައި ރެފްރީގެ ނިންމުމެއް ގޯސްވެގެން، އެޓީމުން ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއެފްއެލް) އަށް މައްސަލަ ހުށަހަޅައިފިއެވެ.

ލިވަޕޫލުން އެންމެފަހުން ކުޅުނު މެޗުގައި، މެންޗެސްޓާ ސިޓީ ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އެމެޗުގައި ސިޓީގެ އާލިން ހާލަންޑް ގޯލެއް ޖަހާފައި ވަނިކޮށް، މެޗު އެއްވަރުކުރުމަށް ލިވަޕޫލުން ކުރި މަސައްކަތުގައި ބޯޅަ ގޯލަށް ވައްދާލިވެސް މެއެވެ. ކޯނަރެއްގައި ވާޖިލް ވެން ޑައިކް ކުރިއަށް އަރާ ބޮލުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޮފްސައިޑެއް ކަމަށެވެ. ރެފްރީ ނިންމުން ނިންމީ ވެން ޑައިކް ޖެހި ބޯޅައިން ނެއްޓިލުމަށް އެންޑީ ރޮބަޓްސަން، އޮފްސައިޑް މަގާމެއްގައި ހުރެ ގުދުވެލުމުންނެވެ.

އެ ނިންމުމާ ގުޅޭ ގޮތުން މެޗަށްފަހުވެސް ލިވަޕޫލުގެ ކުޅުންތެރިންނާއި ކޯޗުވެސް ދަނޑުމަތީގައި ރެފްރީއަށް ޝަކުވާ ކޮށްފައިވެއެވެ.

ލިވަޕޫލުން ރަސްމީކޮށް ބުނީ ރެފްރީ ކްރިސް ކަވަނާގެ ނިންމުން ގޯސް ކަމަށާއި، އޮފްސައިޑް ގަވާއިދަށް ބަލައި، އެ ނިންމުން ގޯސްކަމަށް ބުނެ، ލިވަޕޫލުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

ލިވަޕޫލުން ބުނީ ފުޓުބޯޅަ ގަވާއިދުގެ 11 ވަނަ މާއްދާ ބުނާ ގޮތުން، ކުޅުންތެރިޔާ އޮފްސައިޑް ކަމަށް ބެލޭނީ ކުޅުމަށް ހުރަސް އެޅުމުން ނޫނީ ބޯޅައިގައި ޖެއްސުމުން، ނޫނީ އިދިކޮޅު ކުޅުންތެރިޔާއަށް އުނދަގޫ ވާގޮތަށް، ފެނުން ގެއްލޭނެ ގޮތަކަށް އަމަލުކުރުމް އެކަނި ކަމަށެވެ. އެހެން ނަމަވެސް ރޮބަޓްސަންގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ކްލަބުން ބުނެފައިވެއެވެ.

އެ މެޗުގައި ވީއޭއާރް ބެލި ރެފްރީއަކީ މައިކަލް އޮލިވާއެވެ.

ލިވަޕޫލުން މައްސަލަ ޖައްސާފައި ވަނީ އެކަހަލަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށާއި، އެ ނިންމުން ގޯސްކަން ރެފްރީއަށް އަންގައިދިނުމުގެ މަގުސަދުގައި ކަމަށްވެސް އެ ކްލަބުން ބުނެފައިވެއެވެ.

ލިވަޕޫލްގެ މައްސަލަ ބަލާނީ ޕީޖީއެމްއޯއެލްގެ ހެޑް އޮފް ރެފްރީން ހަވާޑް ވެބެވެ.