އައްޑޫ ސިޓީ ހިތަދޫ މިސްކިތަކާއި މާލޭގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރުލް ފާރޫގު މިސްކިތަށް ގެއްލުން ދިން މައްސަލައެއް އިއްޔެ ހަވީރު 5:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތައިބާ މިސްކިތް) ގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު 7:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެެށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ގއ. ގެމަނަފުށި، އައްޑަނަ، މުހައްމަދު މުތީއު ހަސަން، 24، އެވެ.

އެނގިފައިވާ ގޮތުގައި މުތީއު ވަނީ ތައިބާ މިސްކިތުގެ ތިރީބައިގެ ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލައި މިސްކިތުގެ ބައެއް ގޮނޑިތަކާއި މުސްހަފުތަކަށްވެސް ގެއްލުން ދީފައެވެ.

މިސްކިތްތަކަށް ގެއްލުންދޭ މައްސަލަ ދޭތެރެ ދޭތެެރެއިން ފެންމަތިވެފައެވެ.