ގައުމީ ޓީމުން އެންމެފަހުން ތަޖިކިސްތާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ޓީމުން ބޭރުކުރަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން މިމަހު 18 ވަނަ ދުވަހު، ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު މިއަދު އިއުލާނުކޮށްފައިވާ އިރު، ޓީމުގެ ފަރިތަކުރުންތައް ފެށީ މިއަދު ހަވީރު ގައުމީ ދަނޑުގައެވެ.
މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ޓީމު ތަމްރީނުތައް ކުރަމުންދާ އިރު، އޭނާއާއެކު ކުޅުނު ފުރަތަމަ ހޯމް މެޗުގައި އައިހަމް ބޭނުން ކޮށްފައިވެއެވެ. އެ މެޗުގައި އޭނާ މޮޅަށް ކުޅެފައިވެސް މެއެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އައިހަމް މިއަދު ރަސްމީ ތަމްރީނުތަކަށް ނުކުމެފައި ނުވާ ކަމަށާއި، އޭނާއަށް ފަރިތަކުންތަކުގައި ބައިވެރި ނުވެވުނީ ފުޓްސަލް މުބާރާތަކަށް ވަގުތު ދޭން ޖެހުމުން ކަމަށެވެ. އަދި އެ މުބާރާތުގައި އައިހަމް ކުޅެމުން ދަނީ ކުރީބައިގައި ޓީމުގެ ހުއްދަ ނުހޯދާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ އެ އިދާރާގެ އެދުމަކީ ގައުމީ ޓީމުގެ ކުޅުންތެރިން ގައުމު ތަމްސީލުކުރަން ލިބޭ ފުރުސަތުތަކުގައި އެންމެ ފުރިހަމައަށް އެކަމަށް ވަގުތު ހުސްކޮށް، ޕްރޮފެޝަނަލް ވުން ކަމަށެވެ.
އައިހަމްގެ ބަދަލުގައި ސްކޮޑަށް އިތުރު ކުޅުންތެރިޔަކު ނެގި ކަމެއް އަދި އެފްއޭއެމްއިން ހާމަކޮށްފައެއް ނުވެއެވެ.
މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު