ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކަމުންގެންދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނީ، ތިންވަނަ ފިޔަވަހިގެ ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރާއި ޑްރެޖަރަށް އެހީވާ ޓަގުބޯޓު 24 ގަޑިއިރު ބިންހިއްކާ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
"ވެލި ޕަމްޕް ކުރުމަށް ބޭނުންކުރާ ފްލޯޓިންގް ލައިން އަދި އޭގެ އެންކަރޭޖް ބޮއި އަޅާފައި އޮންނާނެ. މި މަސައްކަތަކީ 24 ގަޑިއިރު ކުރިއަށްގެންދާ މަސައްކަތަކަށްވާތީ މި ސަރަހައްދުގައި އުޅަނދުތައް ހަރަކާތްތެރިވަމުން ދާނެ ކަމުގައި ދަންނަވަން. ވީމާ މި ސަރަހައްދުން ދަތުރުުކުރާ އެންމެހާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ދަންނަވަން،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަނީ މެދުކެނޑުމަކަށްފަހުގައެވެ.
އެ މަސައްކަތަށް މެދުކެނޑުމެއް އައިސްފައިވަނީ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރި ކުންފުނި ކަމަށްވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުގެ ސަބަބުންނެވެ.
ސީއެމްސީސީން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމުން އެކަމާ ގުޅިގެން މިއަހަރުގެ ޖުލައި މަހުގެ 15 ވަަނަ ދުވަހު ބޭއްވި "އަހާ" ފޯރަމްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ ސީއެމްސީސީއަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ދެ ފަހަރެއްގެ މަތީން 20 މިލިއަން ޑޮލަރު ސަރުކާރުން ދީފައިވާނެ ކަމަށެވެ. އަދި އެފަހުންވެސް 15 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދީފައިވާނެކަމަށް މުއްތަލިބު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށްގެންދަން ސީއެމްސީސީން ބޭނުންނުވިކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3
ހުޅުމާލެ ފޭސް 3