ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އާއްމު ރައްޔިތުންނަށް ދޫކޮށްފައިވާ އަމިއްލަ ބިންތަކުގައި، ދިރިއުޅުމުގެ އިތުރުން އެކި ކަހަލަ ހިދުމަތްތައް ދެވޭނެ ގޮތަށް އުސޫލުތައް ބަދަލުކުރާނެކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކުގެ އާ ލިފްޓުތައް އިފުތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ އަދި ތިންވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ދެހާހަށްވުރެ ގިނަ ގޯއްޗަކީ ހަމައެކަނި ދިރިއުޅެން ބޭނުންކުރާ ތަންތަނުގެ ބަދަލުގައި، އިގްތިސޯދީ ފައިދާ ލިބޭނެ ތަންތަނަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މުއްތަލިބު ވިދާޅުވީ މިހާރުގެ އުސޫލު އޮތްގޮތުން އަމިއްލަ ބިމެއްގައި ހޮސްޕިޓަލެއް ފަދަ ހިދުމަތެއް ދޭން ބޭނުންވި ނަމަވެސް އެކަން ކުރެވެނީ އެޗްޑީސީން ވަކި ބިމެއް ދީގެން ކަމަށެވެ. ނަމަވެސް މާލެއެކޭ އެއްގޮތަށް ހުޅުމާލޭގެ އަމިއްލަ ގޯތިތަކުގައިވެސް އަމިއްލަ ފަރާތްތަކުން އިންވެސްޓުކޮށްގެން ހިދުމަތްތައް ދިނުމުގެ ފުރުސަތު އޮންނަންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިވަގުތު، މި ދަންނަވާ ގޮތަށް ޕްރައިވެޓް ހޮސްޕިޓަލެއް އަޅަން ފޭސް ދޭއް ބަޔަކު ބޭނުންވިކަމުގައި ވީނަމަވެސް، އެކަމެއް ކުރަން މި ޖެހެނީ އެޗްޑީސީން ބިމެއް ދެވިއްޖެ ކަމުގައިވާ ނަމަ، އެހެންނަމަވެސް، އާއްމު ރައްޔިތުންނަށް ދޫކޮށްފައި މިހިރަ، ދެހާހަށްވުރެ ގިނަ ގޯތިތަކުގެ ތެރޭގައި މި ދެންނެވި ހިދުމަތްތައް ދިނުމުގެ ފުރުސަތު ފަހިކުރެވެންޖެހޭ. އެހެންކަމުން، އިރާދަކުރެއްވިއްޔާ ސަރުކާރުން މަސައްކަތްކުރާނީ ހުޅުމާލޭގައި ހުރި ބިންތަކުން ރައްޔިތުންނަށް ފަސޭހަކަމާއި ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތަށް ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެވޭތޯ" މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށްވެސް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.
އެގޮތުން، އާއިލާ ބޮޑުވުމުގެ ސަބަބުން މިހާރު ދިރިއުޅޭ ދެ ކޮޓަރީގެ ފްލެޓުން އެއަށްވުރެ ތަނަވަސް ތަނަކަށް ބަދަލުވެވޭނެ ފަދަ ސިޔާސަތުތަކެއް ކުރިއަށް އޮތްތަނުގައި ބައްޓަންކުރާނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް