ފްރާންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ލިޔޯން ކައިރިން 3-2 އިން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ޕީއެސްޖީން ކުޅުނު މެޗަކީ އެޓީމަށް މުހިންމުވެސް މެޗެކެވެ. އެއީ އަލުން އެއްވަނައަށް އެރުމަށެވެ. ރޭގެ މެޗުތަކަށް ނުކުތް އިރު، އެޓީމު އޮތީ ދެވަނައިގައެވެ. އެއީ މިވަގުތު ޕީއެސްޖީއާއެކު އެއްވަނައަށް ވާދަކުރަމުންދާ ލެންސާއި މާސޭއިންވެސް މި ހަފުތާ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައި އޮތުމުންނެވެ.

ޕީއެސްޖީ މިވަގުތު އެއްވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މާސޭއާއި ތިންވަނައިގައި އޮތް ލެންސަށްވެސް 12 މެޗުން 25 ޕޮއިންޓް ލިބިފައިވާ އިރު، ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.

މެޗުގެ ފުރަތަމަ ހާފުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ޕީއެސްޖީން ލީޑު ނެގީ ވޮރެން ޒައޭ-އެމެރީގެ ގޯލުންނެވެ. އެ ގޯލަށްފަހު ދެން ހިނގައިދިޔަ އަށް މިނެޓު ތެރޭގައި އިތުރު ދެ ގޯލު ފެނިގެން ދިޔައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނެގިތަނާ، 30 ވަނަ މިނެޓުގައި އަފޯންސޯ މޮރެއިރާ މެޗު އެއްވަރުކުރިއެވެ. އަދި 33 ވަނަ މިނެޓުގައި ކަވީޗާ ކަވަރަޓްޝޭލިއާ ވަނީ އަނެއްކާވެސް ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފު ފެށިގެން 56 ވަނަ މިނެޓުގައި ލިޔޯންގެ އައިސްލޭ މައިޓްލޭންޑް-ނައިލްސް އަނެއްކާވެސް މެޗު އެއްވަރު އިރު، 93 ވަނަ މިނެޓުގައި ލިޔޯންގެ ނިކޮލަސް ޓަގްލަފީކޯއަށް ރަތެއް ދެއްކިއެވެ.

އެ ހިސާބުން ޕީއެސްޖީން ކުރިއަށް ޖެހި ކުޅެމުން ގޮސް، 95 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ޖާއޯ ނެވޭސްއެވެ.