ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗަކީ މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ލީގުގައި ކުޅުނު އެންމެ ފަހު މެޗެވެ. އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެއެވެ. އެއީ ނޮވެމްބަރު 18 ވަނަ ދުވަހުއެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުގައެވެ. އެއީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. މިހަފުތާ ނިމުނު އިރު، ކޮންމެ ޓީމެއްވެސް ހަތް މެޗު ކުޅެފިއެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ދެވަނައިގައި އޮތް އިރު، އެޓީމަށް ވަނީ 17 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 16 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ކްލަބު އީގަލްސްއެވެ.
ފަސްވަނައިގައި ވިކްޓަރީ ސްޕޯޓްސް ކްލަބްވެސް އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. ބުރުން މިރޭ ކުޅުނު މެޗުން އެއްވަރުވުމާއެކު އެޓީމު އޮތީ ހަ ވަނައިގައެވެ. އެއީ އަށް ޕޮއިންޓާއެކުގައެވެ. ހަތް ވަނައިގައި އޮތް ވެލެންސިއާ އަށް ޕޮއިންޓް ލިބިފައިވާ އިރު، އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ އާއި ނުވަ ވަނައިގައި އޮތް ޓީސީ އަދި ފުލުގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއަށްވެސް މިހާތަނަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.
މިރޭގެ މެޗުގައި ގޯލްތައް ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ 74 ވަނަ މިނެޓުގައި ބުރުން ފުރަތަމަ ލީޑު ނެގީ ބްރެޒިލް ފޯވަޑް ހުޑްސަން ޑިއާޒް ޖެހި ގޯލުންނެވެ. އެއީ ޓީސީ ކުރިއަށް ޖެހުނު ވަގުތު ހޯދި ކައުންޓާ އެޓޭކް ފުރުސަތެއްގައި އެޓީމުން ޖެހި ގޯލެކެވެ.
ސަސްޕެންޝަނުގެ ސަބަބުން ޓީސީގެ ހުސައިން އީނާޒަށް މިރޭގެ މެޗު ގެއްލިފައިވާ އިރު، އެޓީމުން ވަނީ ފަހުކޮޅުގައި ގޯލެއް ޖެހޭތޯ ކުރިއަށް ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން މެޗު އެއްވަރުކުރީ ފަހު ވަގުތުގައެވެ.
އެޓީމުގެ ގޯލް، 92 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ދާނިޝް އިބްރާހީމެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު