ފެނަކައިން ގާނޫނާ ހިލާފު ކަންކަން ކޮށްފައި ހުންނަނީ، އެއިރެއްގައި އޮންނަ މެނޭޖުމަންޓް ބޭނުންވާ ގޮތަށް ޑިރެކްޓަރުންގެ ބޯޑުން އުސޫލުތައް ބަދަލުކޮށްގެން، ޕޮލިސީއާ އެއްގޮތަށް ކަމަށްވާތީ، ފެނަކައިގެ މައްސަލަތައް ސާބިތުކުރަން އުނދަގޫ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިގޮތަށް ބުނީ، ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަން މައްސަލަ ބަލަމުންދާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ.

ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ މައްސަލައިގެ ތަހުގީގުގައި ކޮމިޓީއާ އެކު މަސައްކަތް ކުރުމަށް އޭސީސީން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުގެ ދެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް ކޮމިޓީއަށް ސާފުކޮށްދެމުން އެބޭފުޅުން ވިދާޅުވީ، ފެނަކައިގެ މައްސަލަތައް އަބަދުވެސް ބަަލަމުންދާ ކަމަށާއި ފެނަކައިގައި އެ ދުވަސްވަރު މެނޭޖުމަންޓުގައި ތިބި މީހުންގެ މައްސަލަތައް ވެސް ބަލަމުންދާ ކަމަށެވެ.

"ކޮންމެ މެނޭޖްމެންޓެއް ބޭނުންވާ ގޮތަށް އަބަދު ވެސް މި ޕްރޮކިއުމެންޓް ޕޮލިސީ އަށް ޖޭންޖެސްތައް މި ގެންނަނީ، އެ ބަދަލު ގެނައުމުގެ ސަބަބުން އަޅުގަނޑުމެންނަށް މައްސަލަތައް ސާބިތު ކުރަން ދަތިތަކެއް ކުރިމަތިވޭ، އެ ވާގޮތަކީ ޕޮލިސީއާ އެއްގޮތަށް ހުންނަ ކަންތައްތައް ސާބިތުުކުރަން އުނދަގޫވާނެ ހާލަތްތައް އާދޭ،"

ފެނަކައިގެ ލިޔެކިއުންތައް ހޯދަން އެދުމުން އެ ލިޔެކިއުންތައް ފޯރުކޮށްދެނީ ވެސް ލީގަލް ޑިޕާޓުމަންޓު މެދުވެރިކޮށް ކަމަށްވާތީ، ލިޔެކިއުންތައް ހޯދަން ދަތިތަކެއް ކުރިމަތިވާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

"އަސްލު އަޅުގަނޑުމެން ބޭނުންވަނީ ދާ ގޮތަށް ގޮސް ބަލައި ފާސްކުރާ އުސޫލުން ލިޔެކިއުންތައް އަޅުގަނޑުމެން އަމިއްލައަށް ބަލައިގެން ކަމާގުޅޭ ލިޔެކިއުންތައް ހޯދަން، އެކަމަކު އެދުވަސްވަރު އެގޮތަކަށް ލިޔެކިއުންތަކެއް ނުދޭ،"

އެހެންކަމުން ޕްރޮކިއުމަންޓް ޕޮލިސީއަށް ގެންނަ ބަދަލުތައް މާލިއްޔަތު ކޮމިޓީން ނުވަތަ އެސްއޯއީ ކޮމިޓީން ވަރަށް ގާތުން ބަލައި ދިނުމަށްވެސް އެބޭފުޅުން ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

އެބޭފުޅުން ވިދާޅުވީ ކޮންމެ މެނޭޖުމަންޓެއް ބޭނުންވާ ގޮތަށް އަބަދުވެސް ޕްރޮކިއުމަންޓް ޕޮލިސީއަށް ފެނަކައިން ބަދަލުތައް ގެނަސްފައިވާ ކަމަށެވެ.