އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ވުލްވްސް ބަލިކޮށް، އެޓީމުން ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ޗެލްސީން ވުލްވްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއީ 11 މެޗުން 20 ޕޮއިންޓާއެކުގައެވެ. އެ މަގާމަށް ޗެލްސީ ޖެހިލީ ވަގުތީ ގޮތުންނެވެ.
މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ވާދަކުރާ މެޗުގެ ނަތީޖާއާ ގުޅިގެން، ތާވަލުގެ ދެވަނަ މާގަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
ވުލްވްސްއިން ރޭގެ މެޗަށް ނުކުތީ އޭގެ ކުރީ ހަފުތާގެ ނަތީޖާއަށްފަހު ކޯޗު ވިޓޯ ޕެރޭރާ މަގާމުން ދުރުކޮށްފައެވެ. އެއީ ފުލަމް ކައިރިން ބަލިވުމުންނެވެ. ވުލްވްސްއަށް ރޭގެ މެޗުގައި އިރުޝާދު ދިނީ އެޓީމުގެ އެސިސްޓެންޓް ކޯޗު، ޖޭމްސް ކޮލިންސްއެވެ.
ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ޗެލްސީން ނުރައްކާ ކުރިއެވެ. އެންޒޯ ފެނާންޑޭޒްއާއި އެލެހާންޑްރޯ ގާނާޗޯގެ ހަމަލާތައް ވުލްވްސް ކީޕަރު ސޭމް ޖޯންސްޓޯން މަތަކުރި އިރު، ޖުއާއޯ ޕެޑްރޯއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށް އަމާޒުނުވެއެވެ.
އެ ހަމަލާތަކާއެކު ވުލްވްސް ފުރަތަމަ ހާފުގައި ސަލާމަތްވި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޗެލްސީން ލީޑު ނެގިއެވެ. ގާނާޗޯގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ މާލޯ ގުސްޓޯއެވެ.
އޭގެފަހުންވެސް ޗެލްސީގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، 65 ވަނަ މިނެޓުގައި ޗެލްސީން ލީޑު ފުޅާކުރިއެވެ. ޖުއާއޯ ޕެޑްރޯގެ އެ ގޯލާއެކު ޗެލްސީ ހަމަޖެހިލި އިރު، އެޓީމުން ނަތީޖާ ޔަގީންކުރީ ޕެޑްރޯ ނެޓޯ ޖެހި ގޯލާވެސް އެކުގައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ގާނާޗޯއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު