ސްރީ ލަންކާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑު މަގުން އެތެރެކުރަނިކޮށް އަތުލައިގަތް އެ ގައުމުގެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖެއިން ކަމަށް އެ ގައުމުގެ ނޫސްތަކުން ކުރި ތުހުމަތުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޮޅުންފިލުވަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކޮމިޓީއަށް ހުށަހަޅުވައިފިއެވެ.

ނާޒިމް ވިދާޅުވީ އެކަމާބެހޭ މައުލޫމާތުތައް ލިޔުމުން ކޮމީޓީއަށް ހޯދަންޖެހޭ ކަމަށެވެ.

އެކަން ކޮމިޓީއަށް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މިހާރު ރާއްޖޭގެ ސަރަހައްދު ބެލުމުގެ ކަންތައް ފެށުމުން އިތުރު ކަންތައްތައް ފެންނަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އެ ކަންތައްތައް ލިޔުމުން ކޮމިޓީއަށް ހޯދަން ކަމާބެހޭ ފަރާތްތަކަށް ކޮމިޓީން ކިޔަންޖެހޭ ކަމަށެވެ.

ސްރީ ލަންކާގެ ނޫހެއް ކަމުގައިވާ "ނިއުސް ފަސްޓް" އިން ރިޕޯޓުކޮށްފައިވަނީ އަތުލައިގަތް "ސީދޭވީ" ނަމަކަށް ކިޔާ މަސްބޯޓު ރާއްޖޭގެ ސަރަަހައްދަށް ވަދެ، ޑްރަގް ޝިޕްމަންޓް ނަގާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ބޯޓު ދަތުރުކުރި އިރު، މަސްވެރިކަމުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައިނުވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައި، އެ ބޯޓަކީ، ބޯޓުގެ ވެރިފަރާތުން މަސްބާނަން އޭނާގެ ބޭބެއަށް ދީފައިވާ ބޯޓެކެވެ. ނަމަވެސް ސުވާލު ކުރުމުން އޭނާއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަން ނޭނގޭ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ބޯޓުން 269 ކިލޯގެ ކްރިސްޓަލް މެތަފެޓަމިން އައިސް (މެތު) އާއި 85 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފައިވެއެވެ.

އެ ޑްރަގް ޝިޕްމަންޓްގެ އަގު ފަސް ބިލިއަން އިންޑިއަން ރުުޕީސް (56 މިލިއަން ޑޮލަރު) އަށް އަރައެވެ.

ނަމަވެސް ލަންކާ ފުލުހުންނާ ހަވާލާދީ އެ ނޫހުން ކުރި ތުހުމަތުތައް ދޮގުކޮށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ ސްރީ ލަންކާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަނޑު މަގުން އެތެރެކުރަނިކޮށް އަތުލައިގަތް އެ ގައުމުގެ ބޯޓަށް މަސްތުވާތަކެތި އަރުވާފައިވަނީ ރާއްޖެއިން ނޫން ކަމަށެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، އެމްއެންޑީއެފްގެ ޑްރޯންގެ އެހީގައި މިމަހުގެ ހަތްވަނަ ދުވަހު އަތުލައިގަތް ލަންކާ ބޯޓުގެ މައްސަލަ އޮޅުން ފިލުވުމަށްވެސް ނާޒިމް ކޮމިޓީއަށް ހުށަހެޅުއްވިއެވެ. އެ ބޯޓުން 300 ކިލޯ ޑްރަގްސް ވަނީ އަތުލައިގަނެފައެވެ.

މި ހުށަހެޅުންތަކާ ބެހޭގޮތުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެ ކަންކަން ކޮމިޓީން އޮޅުންފިލުވާނެ ކަމަށެވެ.