އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ވާދަކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި މިރޭ ދެޓީމުން ކުޅުނު މެޗުގެ ފަހުވަގުތުކޮޅު ފޯރިގަދަކޮށް ފެނިގެންދިޔަ އިރު، ޔުނައިޓެޑުން ޕޮއިންޓެއް ސަލާމަތްކުރީ އެންމެ ފަހު މިނެޓުގައި ގޯލް ޖަހައިގެންނެވެ.
އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުންވެސް ޔުނައިޓެޑް ބަލިވެފައި ނުވާ އިރު، މިރޭގެ މެޗަށް ނުކުތީ އޭގެ ކުރިން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން އެއްވަރުވެފައި އޮތީވެސް 2-2 އިންނެވެ. އަނެއްކޮޅުން ނުކުތް ޓޮޓެންހަމް މިރޭގެ މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ. ނިއުކާސަލްއާއި ޗެލްސީ ކައިރިންވެސް އެޓީމު އޮތީ ބަލިވެފައެވެ.
މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވާ އިރު، ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ލީޑު ނެގިއެވެ. 32 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ފޯމު ރަނގަޅުކޮށް ހުރި ފޯވަޑް، ބްރަޔަން އެމްބުއޭމޯއެވެ. އެއީ އަމަޑް ޑިއާލޯގެ ހުރަސް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
އެ ގޯލާއެކު ޔުނައިޓެޑުން ލީޑުގައި ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ޓޮޓެންހަމްއިން މެޗު ކޮންޓްރޯލް ކުރަން ފެށިއެވެ. ހާފުގެ ކުރީކޮޅުގައި ކްރިސްޓިއަން ރޮމޭރޯއާއި މިކީ ވެން ޑަ ވެންގެ ހަމަލާތައް މަތަކުރީ ޔުނަައިޓެޑްގެ ކީޕަރު ސެނޭ ލަމެންސްއެވެ.
އެ ހަމަލާތަކާއެކު ކުޅެމުންދިޔަ ޓޮޓެންހަމްއިން އިރުކޮޅެއްފަހުން އެއްވަރުކުރިއެވެ. އޭރިއާ ތެރެއިން ހޯދި ބޯޅައެއްގައި ރަނގަޅަށް އެނބުރިލާފައި މަތެއަސް ޓެލް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި އިރު، އޭނާ ކުޅެން ނުކުތީ ބަދަލަކަށެވެ.
އޭގެ އިރުކޮޅެއްފަހުން ޔުނައިޓެޑްގެ ބެންޖަމިން ޝެސްކޯއަށް ގޯލް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވިއިރު، އަނެއްކޮޅުން ޓޮޓެންހަމް ލީޑު ނެގިއެވެ. 90 ވަނަ މިނެޓުގައި ވިލްސަން އޮޑޮބާޓް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ބޮލުން ޖައްސާ ގޯލަށް ވައްދާލީ ރިޗާލިސަންއެވެ.
ޔުނައިޓެޑުން އެވަގުތު ކުޅެމުން ދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ޝެސްކޯއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އަލުން ކުޅެން ނޭރެވުމުންނެވެ. ޔުނައިޓެޑުން މެޗުގެ ފަހުކޮޅުގައި އެއްކޮށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ބަދަލު ހަމަވެފައި އޮތުމުންނެވެ.
ޓޮޓެންހަމްއިން ފަހު ވަގުތު ޖެހި ގޯލާއެކު މެޗުން މޮޅުވާން ދަނިކޮށް، އެއްވަރުވީ އެންމެފަހު މިނެޓުގައެވެ. ޔުނައިޓެޑަށް ލިބުނު ކޯނަރުގައި ކީޕަރި ލަމެންސްވެސް ކުރިއަށް ޖެހުނު އިރު، އޭރިއާ ތެރެއިން އައި ބޯޅަ ގޯލަށް ވައްދާލީ ޑިފެންޑަރު މަތިއަސް ޑެ ލިގްޓެވެ.
މެޗުން މޮޅުވެ، ދެޓީމަށްވެސް ދެވަނަ އަށް ޖެހިލަން ފުރުސަތު އޮތް ނަމަވެސް، އެ ފުރުސަތު ގެއްލުނީއެވެ. ޓޮޓެންހަމް މިވަގުތު ތިންވަނައިގައި އޮތީ 11 މެޗުން 18 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑަށްވެސް 11 މެޗުން 18 ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލްގެ ފަރަގުން އެޓީމު އޮތީ ހަތްވަނައިގައެވެ.
މުޙައްމަދު ޝަމްޢޫން
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު